ސައުދީން ހަދިޔާކުރި ކަދުރު މާލޭގައި ބަހަން ފަށަނީ
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ދެވޭ ކަދުރު މާދަމާ ބަހަން ފަށާ ގޮތަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބަހަން ހަމަޖެހިފައިވަނީ ކޮންމެ ގޭބީސީއަަކަށް އެއް ޕެކެޓް ކަދުރުގެ ރޭޓުން ކަމަށެވެ. އަދި ގޭބިސީތަކަށް ދޫކުރާ ކަދުރާ ހަވާލުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުން ގެނައުމުން މިނިސްޓްރީން އެދެއެވެ.
މާދަމާގެ ހެނދުނު ނުވަޔަކުން މެންދުރު އެކެއް ޖަހަންދެން އިސްލާމިކް މިނިސްޓްރީން ކަދުރާ ހަވާލުވެ ވޭނެއެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަދުރު ދޫކުރަން ހަމަޖެހިފައިވަނީ، މެންދުރު އެއަކުން މެންދުރު ފަހު ތިނެއް ޖެހުމާއި ހަމައަށެވެ.
މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ވެސް ކަދުރު ދޫކުރަން ވަނީ ހަމަޖެހިފައެވެ. މި ދެ ދުވަހު ކަދުރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރު 12 ޖަހަންދެންނެވެ.
ސައުދީއަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުގެ މަތިން މިއަހަރުވެސް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.