ޚަބަރު

ޑިމޮކްރެޓްސްގެ ކެމްޕޭނަށް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މިހާރު

އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދި 'ދަ ޑިމޮކްރެޓްސް' އިން މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖީލިހުގެ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ވަގުތީ ގޮތުން ގާނާގައި ދިރިއުޅުއްވާ ނަޝީދު ވަޑައިގަންނަވާ ތާރީހެއް ނޭގެއެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު 'އެކްސް' ގައި ކުރެއްވި ޓްވީޓެއްގައި ސިޔާސީ ދާއިރާއިން ''ބްރޭކެއް'' ނެންގެވި ނަޝީދު މާލެ ވަޑައިގަންނަވާކަން ވަނީ ހާމަވެފައެވެ.

ހަސަންގެ ޕޯސްޓު ގައި ވިދާޅުވީ, މި މި މަހުގެ 19 ވާ ހުކުރު ދުވަހު ވިލިމާލޭގައި ހުންނަ ޑިމޮކްރެޓްސްގެ ޖަގަހާ ގައި 4:30 ގައި އޮންނަ ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ރޭ ނުވައެއް ޖަހާއިރު ރާޅުގަނޑުގައި އޮންނަ ޑިމޮކްރެޓްސްގެ ލެޖިސްލޭޓިވް އެޖެންޑާ ޕްރެޒެންޓޭޝަންގެ ލޯންޗިންގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދައުުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު، މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ރުއްގަޑުގައި 4:30 ގައި އޮންނަ ކެމްޕޭނު ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް، މަޖިލީހުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ވާދަކުރައްވާ ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޝީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެެއްވީ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުން މުސާރާއާ އިނާޔަތްތައް އެމަނިކުފާނަށް އައި ލިބިވަޑައިގަންނަވަމުންނެވެ.

މި މަހުން ފެށިގެން ދައުރުގެ ބާކިއޮތް ދުވަސްތަކަށް މުސާރަ އުނިކޮށްދެެއްވަން ނަޝީދު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަށް ސިޓީއަކުން ދަންނަވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!