ޚަބަރު

ކުޅުދުއްފުށީ ހުރިހާ ގެއެއްގެ އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓު!

އައިކާ ޔުނާން ، ދެން އޮންލައިން
ކުޅުދުއްފުށީގައި ހަދަމުން އަންނަ އާ އިންޖީނުގެ — ފޮޓޯ: ޕީއެސްއެމް

ހދ. ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މި ހިނގާ އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފެނަކައިން ނިންމައިފިއެވެ.

Ads by STELCO

ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހުގެ ކަރަންޓުގެ ހިދުމަތުން ކުރިމަތިވި ދަތިތަކަކަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އޭޕްރިލް މަހުގެ ބިލުން މި ލުއި ދޭން ނިންމާފައިވަނީ އެކަމުގެ ފުރިހަމަ ޒިންމާ ފެނަކައިން ނެގުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

ފެނަކައިން ބުނީ އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާނުލާ ކުރަމުން އަންނަކަމަށާއި މިހާރު ވެސް އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޖެންސެޓު އިންސްޓޯލް ކުރުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ފާއިތުވީ ފަސް އަހަރު ކަރަންޓުގެ ހިދުމަތް ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީގައި މިހާރު އިންސްޓޯލްކޮށްފައިވަނީ 7 މެގަވޮޓްގެ ކަރަންޓެވެ. އެ ރަށުގައި އާ އިންޖީނުގެ ހަދަން 2020 ގައި ހަވާލުކުރިއިރު އެ މަޝްރޫއު އޮތީ ނުނިމި ދިގުލައިފައެވެ.

އައު އިންޖީނުގެއަކީ ހަތަރު މެގަ ވޯޓުގެ 5 އިންޖީނު ބެހެއްޓޭ ކެޕޭސިޓީގެ އިންޖީނުގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!