ޚަބަރު

ޕީއެންސީގެ ޖަގަހައިގައި ތިމަރަފުށީގެ އަމިއްލަ ކެންޑިޑޭޓް ޖަލްސާ ބާއްވަން އުޅުމުން މުޒާހަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ރިޔާޒު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަގަހައެއް ހުޅުވަން މަސައްކަތް ކުރުމުން މައްސަލަ ހޫނުވެ މުޒާހަރާކޮށްފިއެވެ.

Ads by MWSC

ތިމަރަފުށީ ދާއިރާގައި ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓު ހޯދާފައިވާ އިބްރާހިމް ސަނާހު (ސަންޓޯ)  ހުއްޓަސް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތާއިދުއޮތް ކެންޑިޑޭޓަކީ އަމިއްލަ ގޮތުން ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒު އަށްކަން ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ރިޔާޒުގެ ޖަގަހަ ހުޅުވަން ސަރުކާރުގެ ފަރާތުން އެ ރަށަށް ވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލްއެވެ. އެ ބޭފުޅުން ރަށަށް ވަޑައިގެންނެވުމުން ތިމަރަފުށީގެ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި އެއްވެ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަމިއްލަ ކެންޑިޑޭޓަކަށް ޕްރޮގްރެސިވް ކޮންގްރެސްގެ ޖަގަހައެއް ނުހުޅުވޭނެ ކަމަށް ބުނެ އެ ސަރަހައްދަށް އެއްވި ދެ ޕާޓީގެ މެންބަރުން އަޑުވެސް އުފުލިއެވެ.

''ޖަގަ ހުޅުވުމަކީ ގާނޫނާ ގަވާއިދާ ހިލާފުކަމެއް، އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ޕީޕީއެމް ޕީއެންސީގެ ޖަގަހައެއް ނުޙުޅުވޭނެ ދައުލަތުގެ ވަޒީރުން އައެއްކަމަކު، އެކަމާއި ހިތްހަމަ ނުޖެހިގެން ޕީޕީއެމް/ޕީއެންސީގެ އާއްމު މެންބަރުން ނިކުތި'' މި ނޫހާ ވާހަކަ ދައްކަމުން ސަންޓޯ ވިދާޅުވިއެވެ.

ސަންޓޯ ވިދާޅުވީ ސަޕޯޓަރުން ހުރަސް އެޅުމުން ޖަގަހަ ނުހުޅުވުނު ކަމަށެވެ. އެހެންވެ ޖަލްސާ ބޭއްވީ ވަގުތީ ޖަގަހަ ބަދަލުކޮށްގެން ކަމަށެވެ.

ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް، ރައީސް ޑރ މުހައްމަދު މުއިއްޒު އެރުވި އޭނާ އަށް ކަމަށާއި ރައީސް އިރުޝާދު ދެއްވާފައިވަނީވެސް ކުރިއަށް ދިޔުމަށް ކަމަށް ސަންޓޯ ވިދާޅުވިއެވެ. އެހެންވެ އަމިއްލަ ކެންޑިޑޭޓަކަށް ސަރުކާރުން ކެމްޕޭނުކުރާ ކަމުގެ މައްސަލަ ޕާޓީގެ އިތުރުން އިލެކްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައިވާނެ ކަމަށް ސަންޓޯ ވިދާޅުވިއެވެ.

''ރައީސްގެ ވާހަކަ އާއި ވަޒީރުންގެ ވާހަކަ ދިމައެއް ނުވޭ. ރޯދަ މަހުގެ އެއްވަނަ ދުވަހުވެސް ރައީސް ވިދާޅުވީ އަޅުގަނޑު ގާތުގައި މި ގޮނޑި ނަގައިދެއްވާށެ'' ސަންޓޯ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!