ޚަބަރު

ކޮވިޑް19: ހަގު ދަރިފުޅު އެކަހެރިކުރުމުން ދޮށީ ދަރިފުޅު ހަޔާތުގެ ފަހު ދުވަސްތައް މަންމައާ ވަކިން!

ހަގުދަރިފުޅު ކޮރޯނާ ވައިރަހަށް ޝައްކުކުރެވި އެކަހެރިކޮށްފައި ވާތީ ސިކުނޑީގައި ޓިއުމަރެއް ހުރި ދޮށީ ދަރިފުޅާއި މަންމަ ދުރުވާން ޖެހިއްޖެއެވެ.

އިނގެރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ވިކްޓޯރިއާ މޮރިސަންގެ 8 އަހަރުގެ ދަރިފުޅު ކައިލްގެ ސިކުނޑީގައި ޓިޔުމަރެއް އުފެދި ޑޮކްޓަރުން ވަނީ އެކުއްޖާ ދިރިހުރުމުގެ އުއްމީދު ކަނޑާލާފައެވެ.

މި ޙާލަތުގައި ވިކްޓޯރިއާއާއި އޭނާގެ ހަގު ދަރިފުޅު ، އުމުރުން 2 އަހަރުގެ ޓައިލަރގެ ގައިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނުމާއި ގުޅިގެން ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ދެމައިން ވަނީ އެކަހެރި ޙާލަތުގައެވެ. އެހެންވުމާއެކު ވިކްޓޯރިއާ އަށް ވަނީ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ ކައިލް އާއި ކައިރި ނުވުމަށް އަންގާފައެވެ.

ވިކްޓޯރިއާ "އޮންލައިން މިރޯ" އާއި ވާހަކަދައްކަމުން ބުނީ އޭނާ ގެ ދަރި ކަައިލް ކައިރި އިތުރަށް ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެކަން ނޭނގޭތީ ވަރަށް ދެރަވާ ކަމަށެވެ.

ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި ކައިލް ދެން ދުނިޔޭގައި ހުންނާނީ އަހަރެއްހައި ދުވަހުއެވެ. އަދި މިހާރު ، ކައިލް ދުވަސްތައް ގުނަމުންދަނީ އޭނާގެ މާމަގެ ގާތުގައި މާމަގެ ގޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!