ޚަބަރު

މިއީ އެންމެ ޒުވާން މެންބަރު، ހޮވުނީ އަމިއްލަ ގޮތުން!

ރައުފާ ރަޝީދު ، ދެން އޮންލައިން
އަލްސަން، ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އެންމެ ޒުވާން މެންބަރަކަށް، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އަލްސަން އަހުމަދު ވެއްޖެއެވެ.

Ads by Sosun Fihaara

އަލްސަންގެ އުމުރަކީ 26 އަހަރެވެ.

އަލްސަން "ދެން"އަށް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެ، ރާއްޖޭގެ މައި ދެ ޕާޓީގެ ކެންޑިޑޭޓުންނާ ވާދަކޮށް, ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ތާއީދާއި ލޯބި ލިބުމަކީ ތިނަދޫ ރައްޔިތުން ޒުވާނަކަށް އަދި ޒުވާން ތަސައްވުރަކަށް އެ ދާއިރާގެ ރައްޔިތުން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

އުމުރުން 18 އަހަރުން ފެށިގެންވެސް ސިޔާސީ އެކި މަސައްކަތްތަކުގައި ވެސް އުޅެފައިވާ އަލްސަން ވިދާޅުވީ ދާއިރާއަށް ކުރިމަތިލާން އެންމެ ބޮޑު ޝައުގެއް އުފެދުނީ ދާއިރާގެ ޒުވާނުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ޒުވާނުންގެ ހައްގުގައި ވަކާލާތު ކޮށްދޭނެ މެމްބަރެއްކަން އިހުސާސް ކުރެވުނު ހިސާބުން ކަމަށްވެސް އަލްސަން ވިދާޅުވިއެވެ.

ދާއިރާއަށް އޮތް ތަސައްވުރެއް ކަމަަށް އަލްސަން ދެކެނީ ސަރުކާރާއި ގުޅިގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމާއި ޒުވާނުންނަށް އެކި ކަހަލަ ފުރުސަތު ހޯދައިދިނުމެވެ. މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމާއި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދާއިރާއަށް ކުރިއެރުން ހޯދައިދިނުމާއި އަންހެން ކަނބަލުންނާއި އިސްރަށްވެހިންނާއި ދަރިވަރުންނަށް އުފާވެރި, އުޖާލާ, އަމާން ދިރިއުޅުމެއް ހޯދައިދިނުމެވެ.

އަލްސަން އިންތިހާބު ކާމިޔާބުކޮށްފައިވަނީ 870 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 39.38 އިންސައްތައެވެ. އަލްސަންއާ އެންމެ ގާތުން ވާދަކުރީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓަށް ލިބުނީ 799 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.17 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަންގައި އެޑްމިން އޮފިސަރުކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެޗްޑީސީގައި ވެސް އަލްސަން ވަނީ ވަޒީފާ އަދާކޮށްފައެވެ.

އެންމެ ޒުވާން މެންބަރެއްގެ ގޮތުގައި އަލްސަން އިންތިހާބުވެފައިވާއިރު މި އިންތިހާބުގައި ވާދަކުރި އެންމެ ހަނގު ކެންޑިޑޭޓަކީ ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ހުޅުމާލޭ އުތުރު ދާއިރާއަށް ހަމްދާ މުހައްމަދުއެވެ. އުމުރުން 22 އަހަރުގެ ހަމްދާއަށް 112 ވޯޓު ލިބުނުއިރު އޭނާ އަށް ވަނީ ކާމިޔާބު ހޯދޭގޮތް ނުވެފައެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަނގު މެންބަރެއްގެ ގޮތުގައި އިންނަވާ މެންބަރަކީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް (ސަމްޕަތު)އެވެ. އޭނާ އިންތިހާބުވިއިރު އުމުރަކީ 24 އަހަރެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަނގު މެންބަރެއްގެ ގޮތުގައި އިންނެވީ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދެވެ.

20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!