ދުނިޔެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައިވާއިރު، ތަކުރާރުކޮށް ދިމާވާ މައްސަލަތަކުގެ ސަބަބުން ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ދާދި ފަހުން ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ބޮޑުވެ، އޭގެ ފަހުން ޕާކިސްތާނުގައި ތާލިބާނުންގެ އިސް ލީޑަރަކު އަވަހާރަކޮށްލުމާ ގުޅިގެން އެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

Ads by Sosun Fihaara

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޕާކިސްތާނުގެ ބަލޫޗިސްތާނުގައި އިސްލާމިކް އެމިރޭޓްސްގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ތާލިބާނުންގެ އެންމެ މަތީ ލީޑަރުގެ އަރިސް ބޭފުޅެއް ކަމަށްވާ މުއްލާ މުހައްމަދު އުމަރު ޖާން އަޚުންދްޒާދާ މަރާލާފައިވަނީ ނުދަންނަ ބަޔަކު ނެވެ. އަޚުންދުޒާދާ އަކީ ފިތުރު އީދު ޗުއްޓީގައި ކުއެޓާގައި ދިރިއުޅޭ އޭނާގެ އާއިލާއަށް ޒިޔާރަތްކޮށް މިސްކިތް ނަމާދުގައި ބައިވެރިވަމުން ދިޔަ މީހެކެވެ. ޕާކިސްތާނުގެ ރައްޔިތެއްކަން ހާސިލްކޮށްފައިވާ އޭނާ ކުއެޓާގައި ދިރިއުޅުއްވި އިރު، އަފްޣާނިސްތާނުގެ ކަންދަހާރުގައި ހުންނަ ދީނީ ސްކޫލެއްގައި ވެސް ކިޔަވައިދެއްވި އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް އަވަހާރަކޮށްލަން ނިންމި ފިޔަވަޅެއް އެޅުމަށް ފާޅުގައި ގޮވާލައްވައި، އެ ހާދިސާއަކީ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ލޭބަލް ކުރައްވައިފަ އެވެ.

ކުއެޓާއަކީ ތާރީޚީ ގޮތުން އަފްޣާނިސްތާނުގެ ތާލިބާނުންގެ ލީޑަރޝިޕް ކައުންސިލްގެ ބޭސްއެކެވެ. އެ ކައުންސިލުން ވަނީ މުދަލާއި ވިޔަފާރިތައް ބެލެހެއްޓުމާއި، 2001 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގައި އެމެރިކާ އިސްވެ އޮވެ ހަރަކާތްތެރިވާ ސިފައިންނާ ދެކޮޅަށް ހަރަކާތްތައް ހިންގުމަށް އިރުޝާދު ދީފައެވެ. އަޚުންދްޒާދާ އަވަހާރަކޮށްލުމުގެ މަގުސަދު އަދި ވެސް ސާފުނުވާއިރު، އިސްލާމިކް ސްޓޭޓް-ޚުރާސާން ޕްރޮވިންސް ނުވަތަ އެހެނިހެން އިދާރާތަކުން ވެސް އެކަމުގައި ބައިވެރިވުން އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަޚުންދްޒާދާގެ ނުފޫޒުގަދަ ދަރަޖައާއި ގުޅުމަށް ބަލާއިރު، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ގުޅުން ހުރިކަމަށް ކަށަވަރު ނުވާ ރިޕޯޓުތަކުން ވެސް ވަނީ ބުނެފައެވެ.

މި ހާދިސާތަކުގެ ބެކްޑްރޮޕްގެ ތެރޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ޕާކިސްތާނުން އަފްޣާނިސްތާނުގެ ޚުސްތު އަދި ޕަކްޓިކާ ޕްރޮވިންސްގެ ތަހްރީކީ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތައް ހިމެނެ އެވެ. މި ވައިގެ ހަމަލާތަކަކީ ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން ޝަހީދުވުމާ ގުޅިގެން ދިން ހަމަލާއެކެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އޭރު ވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ސްޓޭންޑެއް ފާޅުކުރައްވައި، ކޮންމެ ނުރައްކަލަކަށް ވެސް ހަރުދަނާ ރައްދެއް ދެއްވުމަށް ބާރު އަޅުއްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!