ޒަކާތު ހައުސް ތަރައްގީކުރަން ކުވެއިތާ މަޝްވަރާކޮށްފި

ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާއި ގުޅޭ ގޮތުން ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޝަހީމް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ޒަކާތް ހައުސް ތަރައްގީކުރުމުގެ އިތުރުން އެހެނިހެން ކަންކަމާއި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން، މުވައްޒަފުންނާއި ޝަރީއާ ބޯޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ޒަކާތު ހައުސްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތު ސެކްޝަނުން މިހާރު ކުރިއަށްގެންދާ ޒަކާތާ ގުޅޭ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އުފައްދާ ޒަކާތަށް ހާއްސަ އިދާރާއެކެވެ.