ޚަބަރު

ޒިޔާދުގެ ހަނދާނުގައި އެއް މިނިޓްގެ ސުކޫތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިއްޔެ ކުއްލި ގޮތަކަށް ނިޔާވީ ފުލުހުންގެ ޗީފް އިންސްޕެކްޓާ މުހައްމަދު ޒިޔާދުގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފިއެވެ.

Ads by Hajj Corporation

އުމުރުން 44 އަހަރުގައި ނިޔާވި ޒިޔާދުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވަނީ ރޭ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ ގެ ދެވަނަ ދައުރު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުއެވެ.

ފުލުހުންގެ ހިދުމަތުގައި 26 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ޒިޔާދުގެ ހަނދާނުގައި ގެނައި ސުކޫތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ތަމްރީނު ކުރުމުގެ ގިނަ މަސައްކަތްކުރި ޒިޔާދު ފާހަގަކޮށްލެވެނީ އެންމެންނާ ގާތް، އެކުވެރި އަދި އަހުލާގު ރަނގަޅު ފުލުހެއްގެ ގޮތުގައެވެ. އޭނާ ނިޔާވީ ގޭގައި ހުއްޓާ ކުއްލިއަކަށް ވެއްޓިގެންނެވެ. ޒިޔާދު ދަންނަ ބައެއް ފުލުހުން ބުނެފައިވާ ގޮތުން ދުވަސްކޮޅެއް ކުރިން މޭގައި ރިއްސާތީ އެ ވާހަކަ އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

ޒިޔާދުގެ ޖަނާޒާ ބާއްވާފައިވަނީއ އިއްޔެގެ އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!