ދުނިޔެ

ޕާކިސްތާނުގައި ފެނުގެ ދަތިކަމުގެ ސަބަބުން އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުމަށް ނުރައްކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިޖުތިމާއީ، ތިމާވެށީގެ އަދި އިގްތިސާދީ މައިދާނަށް ވަރަށް ބޮޑަށް އަސަރުކުރާ ފެނުގެ ބޮޑު ކާރިސާއެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ. ޒަމާނުއްސުރެ ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިރުވެސް، އެކަމަށް ފިޔަވަޅު ނާޅާކަމަށް ބުނެ، ފަހުން އައި ސަރުކާރުތަކަށް ދަނީ ފާޑުކިޔަމުންނެވެ.

Ads by Sosun Fihaara

ދާދި ފަހުން ބޭއްވި ރަމަޟާން މަހު އިސްލާމްއާބާދުގެ ސަރުކާރަށް އެކަށީގެންވާ ފެން ފޯރުކޮށްނުދެވުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. އާބާދީގެ ބޮޑު ބައެއް އަދިވެސް ރައްކާތެރި ބޯފެން ނުލިބުމުގެ ސަބަބުން ކުރިއަށް އޮތް އިންދުމުގެ މޫސުމަށް ފެން ލިބުމުގައި 30 އިންސައްތަ އިގެ ދަށްވުމެއް ދަނީ ކުރިމަތިވަމުންނެވެ.

ޕާކިސްތާނުގެ މާލީ ވެރިރަށް ކަރާޗީއަކީ ފެނުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ. ހާމިދު އަމީރު އަލީ، އޭނާގެ މާޔޫސްކަން ފާޅުކުރަމުން ބުނީ ހާލަތު ވަރަށް ގޯސް ކަމަށެވެ. ހަފުތާއަކު 72 ގަޑިއިރު ފެން ފޯރުކޮށްދިނުމަށް ފައިސާ ދެއްކި ނަމަވެސް ލިބެނީ އެންމެ 18 ގަޑިއިރެވެ. ފެނުގެ ދަތިކަން އިތުރަށް ބޮޑުވެ، ފެން މާފިއާތަކުގެ މައްސަލައަށް ހައްލެއް ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ވެސް ޕާކިސްތާނުގައި ފެންބޮޑުވެ، ތިންބައިކުޅަ އެއްބައި އަޑިއަށް ގޮސްފައިވާއިރު، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތަކާ އެކުވެސް ޕާކިސްތާނުން އަދިވެސް ދަނީ ފެނުގެ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައި ކަމަށާއި މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން 2035 ވަނަ އަހަރުގެ ނިޔަލަށް ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ހާލަތެއް ކަމަށެވެ.

އދ.ގެ "ގްލޯބަލް ވޯޓާ ސެކިއުރިޓީ 2023 އެސެސްމަންޓް" ރިޕޯޓުގައިވާ ގޮތުން ޕާކިސްތާނަކީ ކްރިޓިކަލްލީ ވޯޓާ އިންސެކިއުރިޓީ ކެޓަގަރީގައި ހިމެނޭ ގައުމެކެވެ. ފާއިތުވި 70 އަހަރުގެ ތެރޭގައި ބޮލަކަށް ޖެހޭ ފެން ލިބުން 80 އިންސައްތައަށްވުރެ ދަށްވެފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!