ޚަބަރު

ޕީސީބީއަށް އައްޔަންކުރެއްވި އާޒާދަށް އާންމުންގެ ހިޔާލު ހޯދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު މެމްބަރުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ މުހައްމަދު އާޒާދު، ކޮކާގެ، ހއ. ކެލާ އާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ އިދާރާއިން އިިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އާޒާދުއަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ޖަލްސާގައި ސްޓޭޓް އޯންޑް އެންޑް އެންޓަޕްރައިސިސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ރ ގެ ދަށުން އާޒާދު އާ ގުޅިގެން އާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށް ވަނީ ހުޅުވާލައިފައެވެ.

އެ ބޯޑު މެމްބަރުކަމަށް އާޒާދު އައްޔަންކުރުމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 7 މޭގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ބަޔާނުގައި އެދިފައިވެއެވެ.

ޝަކުވާ ހުށަހަޅާއިރު، ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އިނގޭނެ ގޮތަށް މަޖިލީހުގެ ޝަކުވާ ކޮމިޓީއަށް އީމެއިލް ކޮށްދިނުމަށް ނުވަތަ ލިޔުމަކުން ޝަކުވާ ހުށަހެޅުމަށް އެ ބަޔާނުގައި އެދިފައިވެއެވެ.

އީމެއިލް ފޮނުވަން ޖެހޭނީ ([email protected]) އަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑަކީގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!