އިމާމުންނާއި ޚަތީބުންގެ ދެވަނަ ބެޗް ފުރައިފި

އިސްލާމިކް މިނިސްޓްރީން، އިލްމުވެރިންނާއި އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދެވަނަ ބުރުގެ ބައިވެރިން ސައުދި އަރަބިޔާގެ މައްކާއަށް އިއްޔެ ފުރައިފިއެވެ.
ފުރަތަމަ ބުރުގެ ބައިވެރިން މައްކާއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ބުރުގެ ތަމްރީނުގައި 18 މީހުން ބައިވެރިވެފައިވާ ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތްކުރާނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަހަރު އިމާމުންނާއި ހަތީބުން، ސައުދީގެ އިތުރުން މިސްރު، މެލޭޝިޔާ، ބުރޫނާގެ އިތުރުން އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާ އާއި ތަމްރީނުގެ ދަތުރުކުރާނެ ކަމަށެވެ.
މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިމާމުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.