ޚަބަރު

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ފުރުސަތު ދެވޭ ގޯތީގެ އަދަދަށް ބަދަލުތަކެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ގުޅިފަޅު

ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގައި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުނަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ބަދަލުކުރަން ފުރުސަތު ދެވޭ ގޯތީގެ އަދަދު އިތުރުކޮށް، އާ އިއުލާނެއް ނެރެފި އެވެ.

Ads by Sosun Fihaara

މާލެ ސަރަހައްދަށް ބޭނުން ޖެހިފައިވާ ގޯތީގެ މައްސަލައަށް ޖުމުލަ ހައްލެއް ގެނެސްދިނުމަށް، ކުރީގެ ސަރުކާރުން ގުޅީފަޅުން ހިއްކަން ނިންމި ވަރަށް ވުރެ އިތުރަށް ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވެ އެވެ.

ގިރާވަރުފަޅުން ގޯތި ދޭން ނިންމި މީހުނަށް ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ފުރުސަތު ހުޅުވާލީ އިތުރުކުރަން ނިންމި ބިމުގެ ސަރަހައްދުން ގޯތި ދެވޭނެތީ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ކުރިން ހުޅުވާލި ފުރުސަތުގައި 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައެޅި އަދަދަށް ވުރެ މާ މަދު ނިސްބަތަކަށެވެ. އެހެންވެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސް 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތިތަކުގެ އަދަދު އިތުރުކުރި އެވެ.

ކުރިން އިއުލާންކުރީ 1250 އަކަފޫޓުގެ 193 ގޯއްޗަށެވެ. އާ އިއުލާނުގައި ފުރުސަތު ހުޅުވާލީ 196 ގޯއްޗަށެވެ. ކުރީގެ އިއުލާނުގައި 1650 އަކަފޫޓުގެ 663 ގޯއްޗަށް ހުޅުވާލި އެވެ. މިއަދުގެ އިއުލާނުގައިވަނީ 1650 އަކަފޫޓުގެ 683 ގޯއްޗަށް ހުޅުވާލައިފަ އެވެ.

ގޯތީގެ އަދަދުތަކަށް ބަދަލެއް ގެންނަން ނިންމައި، މިއަދުގެ އިއުލާނުގައިވާ ގޮތަށް ގޯތި ބަދަލުކުރަން ހުށަހަޅަން ހުޅުވާލީ މާދަމާއިން ފެށިގެން މި މަހު 13 ވަނަ ދުވަހުގެ ރޭގަނޑު 11:00 ގެ ނިޔަލަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!