ޚަބަރު

އިޓަލީ މީހާއަށް ކޮވިޑް-19އަށް ޝައްކުކުރެވުމުން ކުރެއްދޫއިން އެޗްޕީއޭއާ ހިއްސާ ނުކުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ހުރިކަން އެ ރިސޯޓަށް އެނގުނު ކަމަށާއި ނަމަވެސް އެކަން އެޗްޕީއޭއާ ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

ކޮވިޑް-19 އަށް ޕޮޒިޓިވްވި، އިޓަލީ ފަތުރުވެރިޔާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހުރުމުގެ ސަބަބުން، އޭނާއާ ކޮންޓެކްޓްވި ފަސް މީހަކު ވަނީ މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މީގެ އިތުރުން ވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައެވެ.

ފުލުހުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ގުޅުންހުރި ހުރިހާ ފަރާތަކުން މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިޓަލީ ފަތުރުވެރިޔާ ރާއްޖެއައީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހު ކަމަށާއި، އެ ފަތުރުވެރިޔާ ފުރަތަމަ ބަލިވެގެން ޑޮކްޓަރަށް ދައްކާފައި ވަނީ ފެބަރުއަރީ 26 ވަަނަ ދުވަހު ކަމަށެވެ. އަދި އިޓަލީ ފަތުރުވެރިޔާއަކީ މެޑިކަލް ހިސްޓްރީއެއް އޮތް ފަތުރުވެރިޔަކަށް ވުމާއިއެކު، ކުޑަކޮށް ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ކުރިން ވެސް ބޭނުންކުރި ބޭސްތައް ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ރިސޯޓުގެ ރެސްޓޯރެންޓް ތެރެއަށް އަނބުރައިގަނެގެން ވެއްޓިގެން އަނެއްކާވެސް ކްލިނިކަށް ގެންދެވުނު، އަދި ކްލިނިކްގައި ބާއްވައިގެން އެދުވަހު ހަވީރާ ހަމައަށް ފަތުރުވެރިޔާއަށް ފަރުވާ ދީފައިވޭ. އެދުވަހު ހަވީރު ފަތުރުވެރިޔާގެ ހާލު ރަނގަޅުވުމުން، އޭނާ ރޫމަށް ބަދަލުކޮށް، ރޫމަށް ސާވިސް ފޯރުކޮށްދީގެން ފަތުރުވެރިޔާ ހުރީ ރޫމުގައި،" ފުލުހުން ބުންޏެވެ.

ޖެހިގައި އައި ދުވަހުވެސް ފަތުރުވެރިޔާ ކުރެއްދޫ ރިސޯޓުގެ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، 27 ވަނަ ދުވަހު ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކީ ކަރުތެރެއަށް އުނދަގޫ ވާތީ ކަމަށެވެ. ފުލުހުން ބުނީ، އެ ދުވަހު ޑޮކްޓަރު ވަނީ ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ކޮންކަމެއްތޯ ބެލުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށް ފަތުރުވެރިޔާ އިންކާރު ކުރި ކަމަށް ފުލުހުން ބުނެއެވެ.

އިޓަލީ ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ނުވަނީ، އެވަގުތަށް ފަތުރުވެރިޔާ ހުރީ ހަމައެކަނި ހުންއައިސްފައި ކަމަށް ވުމާއެކު، އެިތުރު ފަތުރުވެރިންގެ ފަރަތުން ވެސް ހުމުގެ އަލާމާތްތައް ފެންނަން ހުރުމުން ކަމަށެވެ. އަދި އެ ފަތުރުވެރިޔާގެ މައްސަލަ ރިޕޯޓް ކުރަނަމަ، އެހެން ފަތުރުވެރިންގެ މައްސަލަަވެސް ރިޕޯޓް ކުރަން ޖެހޭނެ ކަމަށާއި، އޭރު އާންމުކޮށްފައިވާ ކްރައިޓީރިއާއަށް ފަތުރުވެރިޔާގެ ބަލިހާލަތު ނުފެތޭތީ ރިސޯޓުގެ މެނޭޖްމަންޓުން އެޗްޕީއޭއަށް އަންގާފައިނުވާ ކަމަށް ފުުލުހުން ބުނެއެވެ.

ނަމަވެސް މިކަމާ މެދު ޑޮކްޓަރުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދުވަހު މެންދުރު އެޗްޕީއޭގެ ހޮޓްލައިނަށް ޑޮކްތަރު ގުޅި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމެއް ކަމަކަށް ޑޮކްޓަރު އެޗްޕީއޭއާ ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!