ބޭކާރު ގޮތުގައި މަގުމަތީ އުޅޭ މީހުންނަށް ނަސޭހަތްދީ ފޮނުވާލަނީ
މިވަގުތު މާލޭގެ މަގުމަތީގައި ޒަރޫރީ ބޭނުމެއް ނެތި ތިބޭ މީހުން ނަސޭހަތް ދިނުމަށް ފަހު ގެއަށް ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ފުލުހުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި ޒަރޫރީ ބޭނުމަކަށް ނިކުތަސް، ބޭނުން ފުރިހަމަ ވުމުން ރައްޔިތުން އަމިއްލަ ސަލާމަތްތެރިކަން އިސްކުރައްވައި ގެއަށް ވަޑައިގެންނެގުމަށް ފުލުހުން އިލްތިމާސްކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ބަންދުކޮށް ސަރުކާރު މުވައްޒަފުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފައިވި ނަމަވެސް ޒަރޫރީ ބޭނުންތަކަށާއި ކޮންމެހެން ކުރަން ޖެހޭ އެއްވެސް ކަމަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.
މިވަގުތު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެ، އެއްބާރުލުން ދިނުމަށް ނަވީން ވަނީ އިލްތިމާސް ކުރައްވާފައެވެ.