ޚަބަރު

ޕީސީބީ ރައީސާއި ފަސް މެންބަރަކަށް މަޖިލިސް ކޮމިޓީން ރުހުން ދީފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މެންބަރުންނަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ރުހުން ދީފި އެވެ.

Ads by STELCO

މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމުން، ކޮމިޓީގެ ރިޕޯޓާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. މަޖިލީހުގެ ރުހުން ދިނުމުގެ މަރުހަލާ ނިމޭނީ، ތަޅުމުން ނަގާ ވޯޓުގައި އަގުލަބިއްޔަތު މެންބަރުންގެ ވޯޓުން އެ ކަމުގައި ގޮތެއް ނިންމުމުންނެވެ.

ކޮމިޓީން ރުހުން ދިން ބޭފުޅުންނަކީ؛

  • ހަމްދީ އަގީލް (ރައީސް ކަމަށް)
  • މުހައްމަދު އާޒާދު (ފައިނޭންސް ދާއިރާ މެންބަރު)
  • ލީނާ އަބްދުލް ޖަލީލު (ބޭންކިން ދާއިރާގެ މެންބަރު)
  • މޫސާ ފަތުހީ އާދަމް (ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ މެންބަރު)
  • އަހުމަދު ރަޝާދު (ގާނޫނީ ދާއިރާގެ މެންބަރު)
  • ހަސަން ޒަރީރު (އިކޮނޮމިކް ދާއިރާގެ މެންބަރު)

ހަމްދީ އަގީލަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފަ އެވެ.

ޖުމުލަ ހަތް މެންބަރުން ތިއްބަވާ ޕީސީބީ ބޯޑުގެ ރައީސްގެ މަގާމު ހުސްވެފައި މިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!