ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ ކުރިން ހަދަންޖެހޭ ކްރޮސްމެޗު ޓެސްޓަށް ބޭނުންވާ ސާމްޕަލް ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު މިއަދު ވަނީ މިކަން އިއުލާން ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ކްރޮސްމެޗު ހެދުމަށް މީގެ ކުރިން އާއިލާތަކުން ދާން ޖެހެނީ އިންޑިއާ އަށް ކަމަށެވެ. އަދި އެކަމަށް ބޮޑެތި ހަރަދުތަކެއް ހިނގާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން އަލަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތެރެއިން ކްރޮސްމެޗުގެ ސާމްޕަލް ނެގުމަށް އިންޑިއާގެ ބެންގަލޫރު ހޮސްޕިޓަލްގެ ޓީމެއް ރާއްޖެ އަންނާނެ އެވެ. އަދި ސާމްޕަލްތައް ނެގުމަށްފަހު އެމީހުން އަނބުރާ އިންޑިއާއަށް ދާނެ އެވެ.
ދާދި ފަހުން ވަނީ މިގޮތަށް ސާމްޕަލްތަކެއް ނަގައިފަ އެވެ. ޑރ. އަހުމަދު އުމަރު ވިދާޅުވީ މިކަން މިހާރު ވަނީ ދާއިމީކޮށްފައި ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ތިބެގެން ސާމްޕަލް ނެގުމަށްފަހު މެޑިކަލް ޓީމު އިންޑިއާއަށް ގޮސް ޓެސްޓުތައް ހަދާނެ އެވެ.
އިންޑިއާގެ މެޑިކަލް ޓީމުން ރާއްޖެ އައުމަށާއި އަނބުރާ އިންޑިއާއަށް ދިޔުމުގެ ހަރަދުތައް ބަލަހައްޓާނީ އިންޑިއާ ހޮސްޕިޓަލުން ކަމަށް ޑރ. އަހުމަދު އުމަރު ވަނީ ވިދާޅުވެފަ އެވެ.
ތެލެސީމިއާ ނުވަތަ ލޭއަޅާ ބަލި ތަހައްމަލު ކުރާ 650 ކުދިން މިހާރުވެސް ރާއްޖޭގައި އެބަ ތިއްބެވެ. ސަރުކާރުން ވަނީ މި ބަލި އިތުރުވުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. މީގެ އިތުރުން ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.