ފޮރިން މިނިސްޓަރު އިންޑިއާއަށް، ބޭނުމަކީ ޕޮޒިޓިވް އެނާޖީއެއް އުފެއްދުން
- މިއީ މިސަރުކާާރުން އިންޑިއާއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރު
- އިންޑިއާ ލޯނުތަކަށް ލުއި ހޯދުމަށް މަޝްވަރާ ކުރާނެ
- އިންޑިއާއިން ހިންގާ މަޝްރޫއުތައް އަވަސްކުރަން މަޝްވަރާ ކުރާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ޒަމީރު އިއްޑިއާއަށް ވަޑައިގެންނެވީ ރޭގަ އެވެ. ދެދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާ ސައުކާރުގެ އިސް ވެރިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރޭ މީޑިއާތަކާއި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މި ދަތުރަކީ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ގައުމަކަށް ކުރާ ފުރަތަމަ ބައިލެޓްރަލް ރަސްމީ ދަތުރު ކަމަށާއި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ޕޮޒިޓިވް އެނާޖީއެއް ގެނައުން ކަމަށެވެ. އަދި އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުކޮށޭނެ ދަތުރަކަށް ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް މިސަރުކާރުން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ފަށައިފަ އެވެ. މިކަމާއި ގުޅޭގޮތުންވެސް ޒަމީރު ވާހަކަ ދެއްކެވި އެވެ.
"މިއީ ދެ ގައުމުގެ ގުޅުން ވަރުގަދަކަން ސާބިތު ކޮށްދިން ކަމެއް. ދެ ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއް ވެސް ވާހަކަ ދައްކައިގެން ޑިޕްލޮމެސީ ވިއުގަނޑުގެ ތެރެއިން ހައްލު ކުރެވޭނެ ކަން ޔަގީން ކޮށްދޭ،" އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދުމުން އިންޑިއާ ސަރުކާރުން ދިން އެއްބާލުން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް ދެ ސަރުކާރު ގުޅިގެން ވީހާ ވެސް ހަލުވި, އަދި ބާރު މިނެއްގައި ކުރިއަށް ގެންދަން ދަތުރުގައި އިސްކަން ދެއްވާނެ ކަމަށެވެ. އަދި ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.