ޚަބަރު

އިންޑިއާ ކަނޑުގެ މަސްލަހަތު އިސްކުރާނެ ކަމުގެ ޔަގީންކަން ޒަމީރު ދެއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އިންޑިއާ ކަނޑުގެ މަސްލަހަތު އިސްކުރާނެ ކަމަށާއި އިންޑިއާ ކަނޑުގެ ސުލްހަ ގެއްލޭނެ އެއްވެސް ކަމެއް ރާއްޖޭން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް، އިންޑިއާގެ ވިއޯން މީޑިއާއަށް ދެއްވި އިންޓަވިއުގައި ފޮރިން މިނިސްޓަރު މޫސަ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާގެ އެ މީޑިއާއަށް އޭނާ ދެއްވި 10 މިނެޓުގެ ކުރު އިންޓަވިއުގައި އިންޑިއާ ސިފައިން ތިބުމުން އޮތް ކަންބޮޑުވުމާއި އާ ސަރުކާރުން ޗައިނާއާ ބާއްވާ ގާތް ގުޅުމާ ގުޅޭ ގޮތުން ވާހަކަތަކެއް ދެއްވިއެވެ.

ޒަމީރު ވިދާޅުވީ އިންޑިއާއަކީ އެމެރިކާ ނެގުމަށް ފަހު ރާއްޖޭން އަސްކަރީ ގުޅުން މިވީހާ ޒަމާންވަން ދެން އޮތް ހަމައެކަނި ގައުމު ކަމަށެވެ. ޗައިނާއާއެކު އަސްކަރީ ގުޅުން ބަދަހި ކުރުމުުގެ ވިސްނުން އޮތް ނަމަވެސް އޭގެ ސަބަބުން އިންޑިއާއާއެކު އޮތް ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އޭގެ ބަދަލުގައި ޗައިނާ އަދި އެހެން ގައުމެއްގެ ސިފައިން ބޭތިއްބުމަށް ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި އެ ގައުމުގެ ސަރުކާރާ މެދު ދިވެހިންގެ އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށާއި ދިވެހިން ބޭނުންވީ އެއްވެސް ގައުމެއްގެ ސިފައިން ނުތިބުމަށް ކަމަށް ޒަމީރު ވިދާޅުވި އެވެ. މިހާރު އެ ކަން ނިމިގެން ގޮސްފި ކަމަށާއި ސުލްހަވެރިކަމާއެކު އެ ކަން ނިންމޭނެކަން އިންޑިއާއިން ދައްކުވަދީފި ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެވެ. އެ ކަމަށް އިޝާރާތް ކުރައްވަމުން ޒަމީރު ވިދާޅުވީ އެ ސިޔާސަތުގައި ހާއްސަވާ ވަކި ގައުމެއް ނޯންނާނެ ކަމަށެވެ. ޗައިނާއާއެކު ވެސް ގުޅުން ބާއްވަނީ، އޮންނަ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.

ޗައިނާއަކީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އިންޑިއާއަކީ އެހާ ގާތް، ރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަން، އަދި ޖިއޮގޮރޮފިކަލް ގޮތުން ރާއްޖެއާ އެންމެ ގާތް ގައުމު ކަން ފާހަގަ ކުރެއްވިއެވެ.

"އިންޑިއާ ކަނޑުގެ ސަރަހައްދު، ސުލްހަވެރިކޮށް އޮތުން، އިންޑިއާއިން ވެސް ބޭނުންވާ ގޮތަކީ، އެއީ ރާއްޖެއަށް ވެސް އޭގެ ފައިދާ އޮތް ގޮތް، ރާއްޖޭން ވެސް އިންޑިއާ ކަނޑުގެ ސުލްހައަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރާނެ، އެ ޔަގީންކަން ދެން،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު މިފަދައިން ޖަވާބު ދެއްވީ، ރާއްޖެ ކަނޑުގެ ސަރަހައްދު ކައިރިން މި ފަހުން ދަތުރުކުރި ވެސެލްއާ ގުޅޭ ގޮތުން ވެސް ނޫސްވެރިޔާ ސުވާލު ކުރުމުންނެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އިދިކޮޅުގައި އޮތް އިރު ޕީއެންސީ/ޕީޕީއެމުން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ވެސް ހިންގިއެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް އަބްދﷲ ޔާމީނުގެ ވެރިކަމުގައި ވެސް އިންޑިއާއާއެކު ވަރަށް ބޮޑަށް ގުޅުން ގޯސްވި އެވެ. އެ ސަރުކާރުގައި ވެސް އެންމެ ގާތްގުޅުމެއް ބޭއްވީ އިންޑިއާއާ ވާދަވެރި ޗައިނާއާ އެކުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!