ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ ޑިސްޓްރޯޔަރު "ދުއްވާލި" ކަމަށް ޗައިނާ ގެ އަސްކަރިއްޔާއިން ބުނެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީޕަލްސް ލިބަރޭޝަން އާމީގެ ސަދަން ތިއޭޓާ ކޮމާންޑުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު ޗައިނާ ކަނޑުގެ ޕެރަސެލް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަށް މި މަހުގެ 10 ވަނަ ދުވަހު ވަދެފައިވާ ޔޫއެސްއެސް ހަލްސީ ޗައިނާގެ އަސްކަރިއްޔާ އިން ވަރަށް ގާތުން މޮނިޓާކޮށް "ދުއްވައިގަތް" ކަމަށެވެ.

Ads by Sosun Fihaara

އެމެރިކާގެ މި ފިޔަވަޅަކީ ޗައިނާގެ އިސްތިގުލާލާއި ސަލާމަތަށް ވަރަށް ބޮޑަށް އުނިކަން އަންނަ ފިޔަވަޅެއް ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

އަދި މިއީ އެގައުމުގެ ނެވިގޭޝަން ހެޖަމޮނީ އާއި ދެކުނު ޗައިނާ ކަނޑުގެ އަސްކަރިއްޔާ ގެނައުމުގެ އިތުރު ދަގަނޑު ހެއްކެއް ކަމަށާއި އެ ގައުމުގެ ސިފައިން ތިބޭނީ ހައި އެލާޓްގައި ކަމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެރަސެލް އައިލެންޑްސް ކައިރީގައި އޮންނަ ދެކުނު ޗައިނާ ކަނޑުގައި ނެވިގޭޝަނަލް ރައިޓްސް އާއި މިނިވަންކަން "ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން" ޑިސްޓްރޯޔަރ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ޔޫއެސްއެސް ހަލްސީ ގެ އޮޕަރޭޝަނަށް ފަހު އެ ސަރަހައްދުން ނުކުމެ، ދެކުނު ޗައިނާ ކަނޑުގައި ކުރިއަށް ދިޔަ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު އެންމެ ފަހުން ދެބަސްވުން އުފެދިފައި މިވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް ޗައިނާއިން ދަޢުވާކުރާއިރު، އޭގެ ތެރޭގައި ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ، މެލޭޝިޔާ އަދި ބްރޫނާއީއިން ދަޢުވާކުރާ ބައިތައް ހިމެނެއެވެ. ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ނިންމީ ބެއިޖިންގެ މި ވާހަކަތަކަށް ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެއްވެސް އަސާސެއް ނެތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!