ފެނަކައިގެ އިސްރާފު ބޮޑު, ޕްރޮކިއުމަންޓް ޕޮލިސީ މުރާޖާކުރަން ކޮންސަލްޓެންޓެއް ހޯދަނީ
ފެނަކަ ކުންފުނީގެ "ހަރަދު ބޮޑު" ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކޮށް އާ ޕޮލިސީ ކަރުދާސް ޑްރާފްޓް ކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.
ކުރީގެ ސަރުކާރުގައި، އެ ކުންފުންޏަށް ނުތަކާ ވަރަށް ޕްރޮޖެކްޓް ނަގައި، ވަޒީފާއަށް މީހުން ނަގާފައިވެ އެވެ. އަދި ޕްރޮކިއުމަންޓް އުސޫލުން ވެސް، ކުންފުންޏަށް ނުހިންގޭ ވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވެ އެވެ.
ފެނަކަ ކުންފުނީގެ އާ މެނޭޖުމަންޓުން ވަނީ ޕްރޮކިއުމަންޓް ޕޮލިސީތައް މުރާޖައާ ކުރުމަށް ނިންމައިފަ އެވެ.
ފެނަކައިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ޕޮލިސީތައް މުރާޖާކޮށް ޑްރާފްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހު 26 ގެ ނިޔަލަށެވެ. އަދި 27 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެ ކަމަށެވެ.
އާ ސަރުކާރަށް ފަހު، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މިހާރު މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ޕްރޮކިއު ޕޮލިސީގެ ބޭނުން "ނަހަމަ" ގޮތުގައި ހިފައިގެން 1.7 ބިލިއަން ރުފިޔާގެ ވިޔަފާރި ކުންފުނިން ކޮށްފައިވެ އެވެ.
"އިންޖީނުތައް، ކޭބަލްތައް، ޖަނަރޭޓަރު މިހެން ގޮސް ވަރަށް ގިނަ ސާމާނުތައް އެބަ ހުރި ޕްރޮކިއަކޮށްފަ އެމަޖެންސީ ޕްރޮކިއަގެ ގޮތުގައި. ބޭނުން ފަރާތަކަށް، ބޭނުން އަގެއްގައި މަސައްކަތްތައް ހަވާލުކޮށް ތަކެތި ގަތުމަށް ޓަކައި އެ ކަންކަން ވެސް ކޮށްފައި ހުރީ." މުއާޒު ވިދާޅުވެފައިވެ އެވެ.
ކުންފުނީގެ އާ މެނޭޖުމަންޓުން ވަނީ ސެންޓްރަލް ސާވިސް ސެންޓަރެއް ގާއިމުކޮށް، ލެބޯރެޓަރީ ސާވިސް ވެސް ކުންފުނީގެ ތެރެއިން ހަމަޖެއްސުމަށް ވެސް ނިންމައިފަ އެވެ. އަދި މުޅި ކުންފުނި މިދިޔަ ފަސް އަހަރު ހިނގި ގޮތުގެ އޮޑިޓެއް ހެދުމަށް ވެސް ނިންމާފައިވެ އެވެ.