ޚަބަރު

އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަށް ތައުރީފާއި މަރުހަބާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޓީޓީ ތަރި ދީމާ/ ފޮޓޯ: މިހާރު

އޮލިމްޕިކްސްއަށް ފުރަތަމަ ކޮލިފައިވި ދިވެހި އެތުލީޓު، ޓޭބަލް ޓެނިސްގެ ތަރި ފާތިމަތު ދީމާ އަލީއަށް ގިނަ ބަޔެއްގެ ތައުރީފު ލިބިއްޖެ އެވެ.

Ads by MWSC

ދީމާ ކޮލިފައިވީ، ނޭޕާލުގައި ކުރިއަށް ދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްގެ ފައިނަލު މެޗުގައި ސްރީލަންކާގެ ބަންޑާރަ ބިމަދީ 4-1 ސެޓުން ބަލިކޮށް، ޗެމްޕިއަންކަން މިއަދު ހޯދައިގެނެވެ.

ގައުމަށް ދީމާ ހޯދައިދިން ޝަރަފާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ އެންމެ ތާރީހީ އެއް ވަގުތުކޮޅު ކަމަށެވެ. ދީމާގެ ހުނަރާއި މިންނަތް މަސައްކަތުން މުޅި ގައުމު ފަހުރުވެރިވެއްޖެ ކަމަށެވެ.

"ޕެރިސްގައި އޮންނަ އޮލިމްޕިކްސް މުބާރާތަށް ފުރިހަމަ ކާމިޔާބީއަށް އެދެން،" ރައީސް ލިޔުއްވާފައިވެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވީ ދީމާގެ އެ ކާމިޔާބީއަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި ޕެރިސްގައި އޮންނަ މުބާރާތުގައި ދީމާއަށް ފުރިހަމަ ސަޕޯޓު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ދީމާއަށް ރޫޓުކޮށްދީ އެ ސަޕޯޓުގައި ދެމިތިބޭނެ، ދެން އޮތް ޕެރިސް އޮލިމްޕިކްސް ވެސް ނިމެންދެން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފަސް އަހަރު ދުވަހު ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ޕޯސްޓެއް ކުރެއްވި އެވެ. އޭނާ ވެސް ވިދާޅުވީ އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ހައިސިއްޔަތުން ދީމާގެ ނަން މިހާރު ވެސް ތާރީހުގައި ފަވާލީ ރަން އަކުރުން ކަމަށެވެ. އަދި އޭނާގެ އެ ކާމިޔާބީއަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށް އޭނާ ވެސް ލިޔުއްވި އެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ވަރަށް ދިގުކޮށް ލިޔުއްވައި ޕޯސްޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދީމާގެ ކާމިޔާބީގެ ފަހަތުގައި އަބަދުވެސް އެންމެ ބޮޑު ގުރުބާނީއެއް ވަމުންދާ އޭނާގެ މަންމަ ވަހީދާ އަދި ބައްޕަ ސައްތާރަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މަހުލޫފުގެ ޕޯސްޓުގައި މިދިޔަ ސަރުކާރުން ކުޅިވަރަށް ކުރި އިންވެސްޓްމަންޓް ވެސް ފާހަގަ ކުރި އެވެ. ދީމާގެ ތަމްރީނުތަކުގެ ހަރަދު ސަރުކާރުން ބަލަހައްޓައިދިނީތީ މަހުލޫފު ވަނީ އެ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުތަކުން އެ އިންވެސްޓްމަންޓް ދަމަހައްޓަން ގޮވާލި އެވެ.

"އަޅުގަނޑު ޔަގީންކުރަނީ މި ސަރުކާރުން، މިނިސްޓަރު ރާފިއުގެ ބެއްލެވުމުގެ ދަށުން ކުޅުންވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވައި، އިތުރު ކާމިޔާބީތަކެއް ހާސިލްކުރުމަށް މަގުފަހިކޮށްދެއްވުން،" މަޖިލީހުގެ މެންބަރުކަމާއި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އުޅުއްވި މަހުލޫފު ލިޔުއްވާފައިވެ އެވެ.

މުޅި ރާއްޖެވެސް މިހާރު އިންތިޒާުރުކޮށްގެން ތިބީ ދީމާއަށް އޮލިމްޕިކްސް އިން ރަނގަޅު ވަނަތަކެއް ލިބިގެން ދިޔުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!