އިންޑިއާ ހިލޭ އެހީގައި ދިވެހިން ތަމްރީނު ކުރަން އިތުރު 100 ސްލޮޓު ދީފި

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، އައިޓީއީސީގެ ހިލޭ އެހީގައި ކޮންމެ އަހަރަކު ދިވެހިން ތަމްރީނު ކުރަން ދީފައި އޮތް ސްލޮޓުގެ އަދަދު އިތުރުކޮށްފި އެވެ.
ކެޕޭސިޓީ ބިލްޑިންގް ޕްރޮގުރާމުގައި މީގެ ކުރިން ބައިވެރިވެވެނީ ކޮންމެ އަހަރަކު 200 ދިވެހިންނަށެވެ. އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއަހަރުން ފެށިގެން 300 އަށް ސްލޮޓު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ ވޭތުވެދިޔަ އަހަރުތަކުގައި މި ޕްރޮގުރާމަށް ރާއްޖެއިން ރަނގަޅު ތަރުހީބެއް ލިބޭތީ ކަމަށް ކޮމިޝަނުން ބުންޏެވެ.
ކެޕޭސިޓީ ބިލްޑިންގް ތަމްރީނު ޕްރޮގުރާމަކީ ހުރިހާ ހަރަދެއް އެ ކޯޕަރޭޝަނުން ދޭ ގޮތަށް ކުރިއަށްގެންދާ ޓްރައިނިން ޕްރޮގްރާމްތަކެކެވެ. މި ޕްރޮގުރާމުގައި ސަމާލުކަން ދެނީ އެންމެ ރަނގަޅު ގޮތުގައި މުއައްސަސާތައް ހިންގާ ބެލެހެއްޓުމުގެ ގާބިލުކަން ތަރައްގީ ކޮށްދިނުމަށެވެ.
އެ ޕްރޮގްރާމްތަކުގައި އިންޑިއާ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާއިރު އެހެން ގައުމުތަކުގެ ބައިވެރިންނާ މުއާމަލާތްކޮށް ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ހޯދައިދެ އެވެ. މި ޕްރޮގްރާމްތަކުގެ ބައިވެރިންނަށް މާލީ ބުރައެއް ނޯވެ އެވެ.
އައިޓީއީސީއަކީ އިންޑިއާ ސަރުކާރުގެ ހާއްސަ އިސްނެގުމެކެވެ. ބޭނުމަކީ ރަހުމަތްތެރި ގައުމުތަކުގެ ކެޕޭސިޓީ ބިލްޑިން އަދި ޓްރެއިނިން މަސައްކަތްތަކަށް އެހީތެރިވެ ދިނުމެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިވެހިންނަށް ދިނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެއަހަރު 50 ސްލޮޓު ދިނެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިއަދަދު 200 އަށް އިތުރު ކުރި އެވެ.