ހުޅުމާލޭން ގަސްތައް ވެރި، އިމާރާތްތަކަކުން ފެންސުތައް ވަޔާ ވެއްޓޭތީ ސަމާލުވާން އެދިއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގަސްތައް ވެރި، އިމާރާތްތަކަކުން ފެންސުތައް ވެއްޓޭތީ އާންމުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެރުނު ކަން އަދި އިމާރާތް ކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައި ހުރި ފެންސުތައް ވަޔާ ވެއްޓޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ ރައްކާތެރިވުމަށް، އެ ކަމަށް ސަލާމަތު ކަން ދިނުމަށް ފުލުހުން އެދިފައިވެއެވެ.
"..އަދި މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިން ވެސް ވަޔާ އެއްޗިހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކުރަން،" އިތުރަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ކަނޑު ދަތުރު ފަތުރު ކުރުމުގައި ވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ފުލުހުން އެދެއެވެ.