ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފި
ކޮވިޑް-19 އާއި ގުޅިގެން ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތަށް ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އަންނަ ހަފްތާގައި އެކަމާ ގުޅޭ ތަފްސީލުތައް ބީއެމްއެލް އިން ހާމަކުރަމުންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ވެސް މި ޕެކޭޖުގެ ތެރެއިން ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.