އިމާރާތްކުރާ ސައިޓުތަކުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލަން އަންގައިފި
މި މޫސުމަކީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ގިނަވާ ދުވަސްވަރަކަށްވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ސާފު ކުރަން އަންގައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިމާރާތްކުރާ ސައިޓުތަކަކީ، މަދިރި އާލާވާނެހެން ފެން ހަރުލައިފައި ހުންނަ ތަންތަނަށް ވުމުން އެފަދަ ތަންތަން ސާފުކުރުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ސާފުކޮށް، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހައްމިއްޔަތުކަން ދިނުމަށް އެ މިނިސްޓްރީއިން އިލްތިމާސް ކޮށްފައިވެއެވެ.
މަދިރީގެ ސަބަބުން ޖެހޭ ޑެންގީއާއި ޗިކުންގުންޔާގެ ކޭސްތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ޑެންގީގެ 68 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ހަމަ އެ މުއްދަތުގައި ޗިކުންގުންޔާގެ 104 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
ޑެންގީއާއި ޗިކުންގުންޔާގެ ކޭސްތައް ގިނަ ވަމުން އަންނާތީ ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި މި ބަލިތަކުން ސަލާމަތް ވާނެ ގޮތްވެސް އެ އޭޖެންސީގެ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ހިއްސާވެސް ކުރެއެވެ.
ޗިކުންގުންޔާ ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.
ޗިކުންގުންޔާއާއި ޑެންގީއިން ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމެވެ. އަދި މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.