ޚަބަރު ވިޔަފާރި

ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް: ފުރަތަމަ ޝިޕްމެންޓް ބޭރަށް ފޮނުވައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފުރަތަމަ ޝިޕްމެންޓް ރާއްޖެއިން ބޭރަށް ފޮނުވާލުން - ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އަލަށް ފަށާފައިވާ "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ހިދުމަތުގެ ތެރެއިން، ޓާކިޝް އެއާލައިންސްއާ ގުޅިގެން ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.

Ads by STELCO

އެމްޕީއެލްއިން ބުނީ، ބަންގަލްދޭޝް އިން ކަނޑުމަގުން ރާއްޖެ ގެނައި ކޮންޓޭނަރު އެ ކުންފުނިން އެއާޕޯޓަށް ޑެލިވާކޮށް، ޓާކިޝް އެއާލައިންސްގެ ފްލައިޓުން ރާއްޖޭން ބޭރަށް ފޮނުވާލީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

އެ ކޮންޓޭނަރުގައި ހިމެނެނީ ރެޑީ މޭޑް ގާމަންޓްސްގެ 935 ކާޓަން ކަމަށާއި، އެ ކާގޯގެ ފަހު މަންޒިލަކީ ޖަރުމަންވިލާތް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ، މި ކާގޯގެ ހިދުމަތް ފޯރުކޮށްދެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

މީގެ އިތުރުން، މި ކާގޯގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަދި ޓާކިޝް އެއާލައިންސްއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ކަމަށްވެސް އެމްޕީއެލްއިން ބުނެ އެވެ.

‎ސީޓު އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަސޭހަ އަދި އަވަސް ހިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެއެވެ.

‎އެމްޕީއެލްއިން ބުނީ، ރާއްޖެއަށް މި ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ގައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ.

އެ ކުންފުނިން މިހާރު ވަނީ މި ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ހުރިހާ އެއާލައިނަކަށް ހުޅުވާލައި، މި ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!