މާލޭގެ އުތުރު ފަރާތުގައި ހެދި ބަނދަރު ނޯތު ހާބަރުގެ ދަށަށް

މާލޭގެ އުތުރު ފަރާތުގައި ހެދި ބަނދަރު ނޯތު ހާބަރުގެ ދަށުން ހިދުމަތް ދޭން ނިންމައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެ ކުންފުންޏާ ޓްރާންސްޕޯޓް މިނިސްޓްރީއާއި އެ ދެމެދު ސޮއިކުރި ފަހުމުނާމާއެއްގެ ދަށުން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އުތުރު ފަރާތު ބަނދަރު ދެން ހިންގައި ބަލަހައްޓާނީ މާލޭގެ ނޯތު ހާބަރުގެ ދަށުން ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
މާލޭ ނޯތު ހާބަރުން އެ ބަނދަރު ހިންގުމާ ހަވާލުވުމާއެކު، އަންނަ މަހުން ފެށިގެން އެ ބަަނދަރުން ހިދުމަތް ދޭނީ މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެހެންވެ އެ ބަނދަރުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
"އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންނެވެ. " އެމްޕީއެލްއިން ބުންޏެވެ.