ޚަބަރު އިޖުތިމާޢީ

އައްޑޫގައި "އިސްރަށްވަހިންގެ ހިޔާވަހި" ބިނާކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ތެރެއިން - ފޮޓޯ: ރައީސް އޮފިސް

އައްޑޫ ސިޓީ ފޭދޫގައި "އިސްރަށްވަހިންގެ ހިޔާވަހި" ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Ads by STELCO

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ހުށަހެޅުއްވި ހުށަހެޅުމާއި މެދު ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށްފަހުއެވެ.

"އިސްރަށްވަހިންގެ ހިޔާވަހި" އަކީ، ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ބިނާކުރެވޭ ތަނެކެވެ.

މި ތަން ބިނާކުރުމަށް ހަރަދުކުރަން ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.

މީގެއިތުރުން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށްވެސް ނިންމާފައިވެއެވެ.

ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!