ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަޖުދީ ސަސްޕެންޑްކޮށްފި

ދިވެހި ލެންގުއޭޖު، ހެރިޓޭޖު، އެންޑް ކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ސަސްޕެންޑްކޮށްފިއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "ދެން އޮންލައިން" އަށް ޔަގީންކޮށްދިން ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެނެވެ.
ވަޖުދީ ސަސްޕެންޑް ކުރި އިރު ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ވެސް ސަސްޕެންޑްކޮށްފައި ހުރި ކަން މިއަދު އެނގިފައިވެއެވެ. ޝިފާޒު ސަސްޕެންޑް ކުރީ އަހުލާގީ މައްސަލަތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިއްޔެއިން ފެށިގެން ސަރުކާރުގެ ބައެއް އިސް މަގާމުތަކުން މީހުން ވަކިކުރުމާއި ސަސްޕެންޑްކުރުމުގެ ކަންތަކެއް ހިނގަމުން އެބަދެއެވެ. ސަރުކާރު ކުންފުނިތަކެއްގެ އިސް މަގާމުތަކުގެ ތިބި ބަޔަކު ވަކިކޮށްފައިވެއެވެ. އަދި އެމްއެމްޕީއާރުސީން ދެ ބޯޑު މެންބަރަކު އިސްތިއުފާ ދީފައިވެއެވެ.
ވަރަށް ކުރީއްސުރެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ތިއްބެވީ ސަސްޕެންޝަނުގަ އެވެ. ފާތިމަތު މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ، އަދި މަހުޒޫމް މާޖިދު މިދިޔަ ޖެނުއަރީގައި ސަސްޕެންޑްކުރީ އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ޕޯސްޓުކުރި މައްސަލާގައެވެ.