ޚަބަރު

އައިސީޖޭގެ އަމުރަށް އިސްރާއީލުން ވަގުތުން ތަބާވާން ރައީސް މުއިއްޒު ގޮވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު: ފަލަސްތީނުގެ ދިފާއުގައި ދިވެހި ސަރުކާރުން އަބަދުވެސް އޮތް ކަން އަންގައިދެއްވި - ފޮޓޯ: ދެން

އިސްރާއިލުން ޣައްޒާގެ ރަފާ ސިޓީއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ނެރުނު އަމުރަށް ވަގުތުން ވަގުތަށް އިޒްރޭލުން ތަބާވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by STELCO

ރަފާގައި އިސްރާއިލުން ހިންގަމުންދަނީ ގަތުލްއާންމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން ތިބީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ބުނެ، ދެކުނު އެފްރިކާ އިސްވެ ހުށަހެޅި މައްސަލާގައި ދުނިޔޭގެ ކޯޓުން ނެރުނު އަމުރަށް މަރުހަބާ ވިދާޅުވެ ރައީސްގެ ރަސްމީ އެކައުންޓުން ދެންމެ ޕޯސްޓެއް ކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ ކޯޓުން ނެރުނު އަމުރަށް އިހުތިރާމުކޮށް މި ހިނދުން ފެށިގެން އިޒްރޭލުން ހިންގާ ބުނަން ވެސް ދަތި އަނިޔާވެރި ގަތުލްއާންމު ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

އަދި ރަފާގައި ތިބި ފަލަސްތީނުގެ އާންމުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަން ގެންދިއުމުގައި ރައްކާތެރި މާހައުލެއް އެ ތަނުގައި ގާއިމުކޮށްފައި ބޭއްވުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ދުނިޔޭގެ ކޯޓުން ނެރުނު އަމުރަކީ ސުލްހައަށް ޓަކައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ރައީސް ލިޔުއްވާފައިވެއެވެ.

އެ ސަރަހައްދަށް ހަގީގީ އަދި ފުރިހަމަ ސުލްހައެއް އަންނަން އޮތީ 1967 ގެ ކުރިން އދ. އިން ކަނޑައެޅި ބޯޑަރުތަކާ އެއް ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި އެ ގައުމަށް މިނިވަން ދައުލަތެއްގެ ދަރަޖަ ލިބިގެން ކަމަށް އެމަނިކުފާނުގެ ޕޯސްޓް ނިންމާލައްވަމުން ލިޔުއްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!