867 އަހަރުވީ އިސްލާމީ ދިވެހި އުއްމަތުގެ ވެރިރަށުގައި ހުކުރު ނުކުރާ ދުވަހެއް!
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ފުރަމާލެެ އަކީ ދިވެހި އާބާދީގެ ގާތްގަނޑަކަށް 25 އިންސައްތަ ދިރިއުޅޭ ރަށެވެ. ބައިބޯ ފުރަމާލޭގެ ތޮއްޖެހިފައި މިވާ ދިރިއުޅުމަކީ ހާސްކަން ބޮޑު ދިރިއުޅުމެއް ނަމަވެސް ، މިމާލޭގެ ދިރިއުޅުން ގިނަ ބަޔަކު އިޚްތިޔާރު ކުރަން ޖެހިފައިވަނީ އެމީހުންގެ މާދަމާގެ މުސްތަގުބަލަށެވެ. ދަރީންގެ ތަޢުލީމާއި ޞިއްހަތަށް ހުރި ފުރުސަތުތަކުގެ އިތުރުން އާމްދަނީ ހޯދޭނެ މަގުތައް ވެސް ގިނަ ރަށަކަށް މާލެ ވުމުންނެވެ.
މި ދިރިއުޅުމުގައި ހަފްތާ ނިންމާލާ އާއިލާ އެކީގައި ހޭދަކޮށްލާ ހަފްތާ ބަންދަކީ ފުރަމާލެއިން އުފާވެރި މަންޒަރުތަކެއް ފެންނަ ދެ ދުވަހެވެ. ހުކުރު ދުވަހު އާއިލާތައް އެކީގައި ކާނިވަލްއާއި ފުޑްކޯޓްގެ ކެފޭތަކާއި އަދި އެހެނިހެން ވެސް ކެފޭތަކާއި ގެތަކުގައި ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަމުންދާއިރު އެފެންނަ އާއިލީ ލޯބީގެ ބާރާއި އާޓިފިޝަލް ބީޗާއި ރަސްފަންނުގައި ދަރިން ވެއްޔާއި ކުޅެ މޫދުގައި "އެގްޒައިޓް"ވެތިބޭ މަންޒަރު ބަލަން ތިބޭ އެކުދިންގެ މައިންބަފައިންގެ މޫނުން ފެންނަ ވިދުވަރުގެ އަލިގަދަކަމަކީ މި މާލޭގެ ބިޔުޓީއެކެވެ. ހަމައެހެންމެ މިސްކިތްތައް ގިނަ މިމާލޭގެ ހުރިހާ މިސްކިތްތަކާއި މަގުތައް ފުރާލާ އަދާ ކުރާ ހުކުރު ނަމާދާއި އޭގެ ފަހުން މެންދުރުގެ ކެއުމަށް އެކިގޭގޭގައި ދިރިއުޅޭ ދައްތައާއި ކޮއްކޮ އަދި ބޭބެމެން އެއްވެ ހޭދަ ކުރާ މަތިވެރި ވަގުތުތަކަކީ ވެސް ތަަފާތު މަންޒަރެކެވެ.
ނަމަވެސް މިގޮތުގައި ހޭދަ ކުރަމުންދިޔަ ވީކެންޑްތައް މިވަގުތަށް އަހަރެމެންނާއި މިވަނީ އަލްވަދާޢު ކިޔާފައެވެ. ނުރައްކާތެރި ކޮވިޑް19ގެ ހާސްކަން ދިވެހި ފަސްގަނޑަށް ވެސް ފެތުރި ، ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހުނު ފިޔަވަޅުތައް މިވަނީ އަހަރެމެން ގެއަށް ވައްދާ ތަޅުލާފައެވެ. ސަރުކާރުގެ އޮފީސްތަކާއި ކިޔަވައިދޭ ތަންތަނުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތަކާއި އެއްވެ އުޅޭ މައިޒާންތަކުގެ ދޮރު ވެސް ވަނީ ލައްޕާފައެވެ.
ދިރިއުޅުމަށް އައި މި ބަދަލުގެ އިތުރުން މިއަދު ދިވެހި އިސްލާމީ އުއްމަތަށް ފަޅުކަމާއި ފޫހިކަން ގެނުވި ކަމަކީ ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން މިވީ 867 އަހަރުތެރޭގައި ފުރަމާލޭގައި ހުކުރު ނަމާދު ނުކުރާ ދުވަހަކާއި ބައްދަލު ކުރަން ޖެހުމެވެ. މިއަދުގެ ތާރީޚް ލިޔަން ޖެހިފައި މިވަނީ ހިތާމަވެރި ކަޅު ދުވަހެއްގެ ގޮތުގައެވެ. ދިވެހި އުއްމަތަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވި ކޮލެރާއާއި ސުނާމީ ކާރިސާގެ ދުވަސްވަރުގައި ވެސް ހުކުރު ނަމާދު ކޮށްފައިވެއެވެ. ނަމަވެސް މިއަދު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައި މިވަނީ އެއަށްވުރެ ނުރައްކާތެރިކަން ބޮޑު، ތަފާތު ބަލިމަޑުކަމަކާއެވެ. ފަސޭހައިން ފެތުރޭ ކޮރޯނާ ވައިރަހުގެ ސަބަބުން މާލެ ސަރަޙައްދާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުމުގެ ނިންމުން ސަރުކާރުން ނިންމާފައިވަނީ ޞިއްޙީ މާހިރުންގެ އިރުޝާދާއި ދީނީ ޢިލްމްވެރިންގެ ފަތުވާއާއެކުގައެވެ. އިސްލާމްދީނުގެ ފުރިހަމަކަން އަންގައިދޭ މަތިވެރި ސިޔާސަތުތަކުގެ ތެރެއިންނެވެ.
ލޮލަށް ނުފެންނަ ކުޑަކުޑަ އެހެނަސް ނުރައްކާތެރި ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ ކުޑަކަކޫ ޖައްސާލާފައިވާ މިދަނޑިވަޅުގައި އަހަރެމެންގެ ވަތަނުގެ ވައްޓަފާޅިއަށް ވެސް މިވަނީ ބަދަލުތަކެއް ގެނުވާފައެވެ. ޚާއްޞަކޮށް ފުރަމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް މިއައި ބަދަލާއެކު އެންމެންގެ ވެސް ދުޢާއަކީ މިކަމުން އަރައިގަނެވޭނެ ދުވަހެއް މިންވަރު ކުރެއްވުމެވެ. ދަރިވަރުގެ އަތުގައި ހިފާލައިގެން ބެލެނިވެރިޔާ ސުކޫލަށް ދާ ހިތްގައިމު މަންޒަރު އަލުން ފެންނާނެ ދުވަހެއް ﷲ ދެއްކެވުމެވެ. މިސްކިތްތަކުގެ ޖަމާޢަތްތަކުގައި އިވޭ މޫރިތި އާޔަތްތަކުން ހިތްތަކަށް ފިނިކަން ލިބޭ ދުވަހެއް އަލުން އިޢާދަވުމެވެ.
މި ޙާލަތާއި ، ކުރިއަށް ދާންވީ ގޮތުގެ އިރުޝާދާއި ނަޞޭޙަތް އިއްވަމުން މަސްޖިދުލް ޙަރަމްގައި މިދިޔަ ހުކުރު ދުވަހު އިއްވި ހުކުރު ޚުތުބާގައި فضيلة الشيخ صالح بن حميد ވިދާޅުވިއެވެ.
'' މާތްﷲ އަޅަމެންނަށް ޢާފިޔަތުގެ ނިޢުމަތް ދެއްވާށިއެވެ. ވަބާތަކާއި ބަލިމަޑުކަން އެއީ ފާޅުވެފައި ނެތިގެންދާ ކަންކަމެވެ. ޖެހި،ފިލައިގެންދާ ކަންކަމެވެ. އުއްމީދު ލިބިގަންނާށެވެ. އުއްމީދު ފަތުރާށެވެ. އުއްމީދު އާލާކުރާށެވެ. ﷲއަށް ދުޢާ ދަންނަވާށެވެ. ސަބަބުތަކުގައި ހިފާށެވެ. ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ޢަމަލު ކުރާށެވެ.''
މި ބަލިމަޑުކަމުން މުޅި އިންސާނިއްޔަތާއި ދިވެހި އުއްމަތް ރައްކާތެރިކޮށްދެއްވާށި! އާމީން ޔާ ރައްބުލް އާލަމީން!