އާ ޓާމިނަލް ހެދުމުން ނަންބަރިން ކޯޑު ދޫކޮށްގެން ޓެކްސީ ކިއޫ ތަރުތީބު ކުރަނީ
ޓްރާންސްޕޯޓް މިނިސްޓްރީއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް ކުންފުނީގެ ޕްލޭނަކީ އާ ޑިޕާޗާ ޓާމިނަލް ހެދުމުން ކުންފުނިން ތައްޔާރުކޮށްފައިވާ ނަންބަރިން ކޯޑުތައް ވެސް ބޭނުންކޮށްގެން ޓެކްސީ ކިއޫ ރަނގަޅަށް ތަރުތީބު ކުރުން ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ސީޒަންގެ އިތުރުން ރާއްޖޭގެ ސްކޫލް ބަންދު މި ނިމެން އުޅޭ މެއި މަހާ ދިމާވެ އެއާޕޯޓުގެ ޓެކްސީ ކިއޫ ވަރަށް ބޮޑަށް ބާރު ބޮޑުވިއެވެ. ކިއޫގެ ތަރުތީބު ގެއްލުމާއި ވަކި ގޮތަކަށް ނޫނީ ދަތުރު ނުކުރާނެ ކަމަށް ބައެއް ޓެކްސީތަކުން ބުނަމުން ދިޔުން ފަދަ ޝަކުވާތައް ގިނަވެގެން ދިޔައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ފުލުހުން އެ ސަރަހައްދު މޮނިޓާ ކުރަން ފެށުމުން މައްސަލަ ވަރަށް ބޮޑަށް ހައްލު ކުރެވުނު ކަމަށެވެ. ނަމަވެސް ޖުމުލަ ހައްލެއް އަންނާނީ ޑިޕާޗާ ޓާމިނަލް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަމަށް ވެސް ގަބޫލު ކުރަން ޖެހޭ އެއް ހަގީގަތަކީ މި ވަގުތު އެއާޕޯޓުގެ ޑީޕާޗާ ޓާމިނަލް މަސައްކަތް ދާއިރު އެ އޭރިޔާއަށް ހިދުމަތް ބޭނުންވާ އަދަދަށް ޓެކްސީ މެނޭޖެ ކޮށްގެން ސިސްޓަމެއްގެ ތެރެއިން ކުރަން ވެސް އުނދަގޫތަކެއް އެބަ ހުރި،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ދެން ފާހަގަ ކުރެއްވި ކަމަކީ އެއާޕޯޓުގެ އެ މަގުގެ ޖާގަ ހަނި ކަމެވެ. އެ ކަން ވެސް ހައްލު ވާން އޮތީ ޑިޕާޗާ ޓާމިނަލްގެ މަސައްކަތް ނިމުމުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ޖުމްލަ ގޮތެއްގައި އެހެން ގައުމުތަކުގައި ކަންތައް ކުރާ އުސޫލުން ސިސްޓަމަޓައިޒްކޮށް އެކަން ކުރެވޭނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ނިމިފައި އެ މަގުގެ ސްޕޭސް ބޮޑުވެފައި ޓެކްސީތަކަށް ސްޕޭސް ބޮޑު ވީމާ،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލުން ގެނެސްފައި ހުރި ނަންބަރިން ކޯޑުތައް މެދުވެރިކޮށް، ވަކި ނިޒާމެއްގެ ތެރެއިން ޓެކްސީ ކިއު ތަރުތީބު ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއޭސީއެލުން ގެނެސްފައި އެހެރި ނަންބަރިން ކޯޑުތަކާއި، ނަންބަރު ކުރެވިފައި ޓެކްސީ ކުރެވޭނެ ތަން ބެހެއްޓިފައި، އަދި ސިސްޓަމަކުން ނަންބަރު ދޫކުރެވިގެން ދާނެ، ޓާމިނަލް ހުޅުވިގެން ދިޔާމަ، މިހާރު އޮތް ޕްލޭނާއެކު 100 ޕަސެންޓް ހައްލެއް ލިބިގެން ދާނެ، މިނިސްޓަރު ވިދާޅުވި އެވެ.