އިޒްރޭލް ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ އިޒްރޭލުގެ މީހުންގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުގެ ދެލިކޮޕީ ހިމަނުއްވާފައިވެ އެވެ. އޭގައި ވަނީ ރާއްޖެއަށް އެތެރެވުން މަނާ މީހުންގެ ބާބެއް ގާނޫނަށް އިތުރު ކުރު ކުރުމަށެވެ.
އިތުރުކުރާ ބާބުގައި ލިޔެފައިވަނީ އިޒްރޭލް ޕާސްޕޯޓު އޮތް މީހަކު އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮތަސް، އެ މީހަކަށް ރާއްޖެ އެތެރެވުން މަނާ ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނު އާންމުން އުޅޭ ބިންތަކަށް ދެމުންދާ ހަމަލާތައް ދިގުދެމިގެންދާއިރު އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން އެތެރެވުން މަނާ ކުރަން ގޮވާލުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
ސަރުކާރުން ވެސް ބުނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަކީ ސަރުކާރުގެ ނިންމުމެވެ. އެހެން ނަމަވެސް އެ ކަން ކުރަން ގާނޫނަށް އިސްލާހު ގެންނަން ޖެހެ އެވެ. ކުރިން ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި ނެތް ނަމަވެސް މިދިޔަ ހޯމަ ދުވަހު ހުވާކުރި 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އެބަ އޮތެވެ.