އިންޑިއާއިން ބުނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިވެހި ސަރުކާރަށް އަދި ހުށަނާޅާ ކަމަށް
ދިވެހި ސަރުކާރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ހުށަހެޅި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި އެވެ.
ސައީދު މި މޭރުމުން ވާހަކަ ދެއްކެވީ މި މަހު 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ސައީދުގެ ވާހަކަތައް އިންޑިއާއިން ދޮގުކޮށްފައި މި ވަނީ، މިއަދު އެ ގައުމުގެ ފޮރިން މިނިސްޓްރީން އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައެއް ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ ފޮރިން މިނިސްޓްރީގެ ސްޕޯކްޕާސަން ރަންދީރު ނައިސްވާލާ ވިދާޅުވީ އެފަދަ ހުށަހެޅުމެއް އިންޑިއާއިން އިސްވެ ހުށަހަޅާފައި ނުވާ ކަމަށެވެ.
"ނޫން. އަޅުގަނޑުމެން ވެސް ދުށިން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރާ ހަވާލާދީ ބައެއް ރިޕޯޓުތައް، އެކަމަކު އަޅުގަނޑުމެން ހުށަހަޅާފައެއް ނުވާނެ، އެކަމަކު ދިވެހި ސަރުކާރުން ބޭނުންވާނަމަ އަދި އެ ގޮތަށް ދިވެހި ސަރުކާރުން އެދިއްޖެ ހާލަތެއްގައި އެ ކަމަށް އަޅުގަނޑުމެން މަޝްވަރާއަށް ތައްޔާރު،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ވީހާ ވެސް ގިނަ ގައުމުތަކާ އެކު ފްރީ ޓްރޭޑް އެގްރިމަންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކޮށްގެން ކުރިއަށް ދިއުން ކަމަށެވެ. އެ ގޮތުން އިންޑިއާއާ އެކީ އެ ވާހަކަ ދެކެވޭ ކަމަށެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއާ އެކީ އެވެ. އެއަށް އަމަލު ކުރަން ފެށުމުގެ ކުރިން ޔާމީންގެ ވެރިކަން ނިމުނެވެ. އަދި ދެން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އެއްބަސްވުން ތަންފީޒުކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު މިހާރު ގެންދަވަނީ ޗައިނާއާ އެކީ އެ މަޝްވަރާ ކުރައްވަމުންނެވެ.
ސައީދު ވިދާޅުވީ އިތުރު ގައުމަކަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ދަނީ ތުރުކީއާ އެކީ އެވެ. ތުރުކީއާ ވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދާ މި ސަރުކާރުގެ ވަޒީރު ވިދާޅުވީ އެއިން ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އެކްޕޯޓް ކުރުމުގައި ބޮޑެތި ލުއިތަކާއި ފައިދާތަކެއް ލިބޭނެ ކަމަށެވެ.