ގިރާވަރުން ގުޅީފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ހޮވަން ގުރުލުން އަންގާރަ ދުވަހު ދަރުބާރުގޭގައި
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ކަމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ބަދަލު ކުރުމުގެ ފުރުސަތު ދޭނެ މީހުން ކަނޑަަޅަން އޮންނަ ގުރުލުން އަންނަ އަންގާރަ ދުވަހު ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.
ގޯތި ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި 1،250 އަކަފޫޓުގެ 196 ގޯއްޗަށް 1،093 ފަރާތަކުން ހުށަހަޅާފައިވެ އެވެ. 1،650 އަކަފޫޓުގެ 663 ގޯއްޗަށް 880 ފަރާތަކުން ހުށަހަޅާފައިވެ އެވެ. 2،050 އަކަފޫޓުގެ 234 ގޯއްޗަށާއި 2،450 އަކަފޫޓުގެ ތިން ގޯއްޗަށް ކުރިމަތިލީ އެ އަދަދަށެވެ.
ގުރުލުން ބާއްވަނީ 1،250 އަކަފޫޓުގެ ގޯތިތަކާއި 1،650 އަކަފޫޓުގެ ގޯތިތަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާތީ އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނާ ގޮތުން، އެ ގުރުލުން އޮންނާނީ ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި، އަންނަ އަންގާރަ ދުވަހު މެންދުރު 12:00 ޖަހާއިރެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުގައި ހެދީ ހަމައެކަނި ދޫކުރާ ގޯތިތައް ހިމަނައިގެން ކަމަށް ފެންނާތީ، މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ބަދަލުކުރީ އެވެ. އެއީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ތަންތަނަށް ބިން ކަނޑައެޅުމަށް ފަހު އެވެ.
ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމުން ކުރިން ކަނޑައެޅި އަދަދަށް ގޯތި ދޫކުރެވެން ނެތް ކަމަށް ފެނިގެން ސަރުކާރުން ނިންމީ ގުޅީފަޅުން އެ ގޯތި ދޫކުރުމަށެވެ. ގިރާވަރުން ގުޅީފަޅަށް ގޯތި ބަދަލު ކުރުމުގެ ފުރުސަތު ހުޅުވާލީ އެހެންވެ އެވެ.
ސަރުކާރުން ވަނީ ގުޅީފަޅުން ކުރިން ހިއްކަން ނިންމި ވަރަށް ވުރެ އިތުރަށް ހިއްކަން ވެސް ނިންމައިފަ އެވެ.