ކޮވިޑް19: މަރުވި މީހުންގެ އަދަދު 10،000 އަށް
ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 10000 އަރައިފިއެވެ. ބަލި އެންމެ ގަދައަށް ފެތުރުނު ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވައިރަހުގެ ހާލަތުދަނީ ދަށްވަމުންނެވެ.
ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ. އިޓަލީއިން ޖުމްލަ 3405 މީހުން މަރުވެފައިވާއިރު މިއީ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި އަދި އެންމެ ގަދައަށް ފެތުރުނު ޗައިނާއަށް ވުރެ ގިނަ އަދަދެކެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބަލި ފުރަތަމަ ފެނުނު ޗައިނާއިންނެވެ. ޗައިނާއިން ވައިރަހުގެ ސަބަބުން ޖުމްލަ 3248 މީހުން މަރުވެފައިވާއިރު ޗައިނާގައި ވަނީ މިހާރު ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރާން ގައެވެ. އިރާން އިން ޖުމްލަ 1433 މީހުން މަރުވިއެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ސްޕެއިން އިން ވަނީ 19 ހާހަށް ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި 1000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ޖަރުމަނުގައި ވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 17 ހާހަށް ވުރެ ގިނަވެފައެވެ. ޖަރުމަނާއި އެމެރިކާއިން މަރުވި މީހުންގެ އަދަދު 260 އަރައެވެ.
ކޮރޯނާ ވައިރަހަށް އަދިވެސް ފަރުވާއެއް ހޯދިފައި ނުވާއިރު ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަމީހުނަށް ވަނީ ބަލީގެ އަސަރުކޮށްފައެވެ.