ޚަބަރު

ކްރިމިނަލް ކޯޓުގެ ހަ ސެކްޝަނެއް ހިންގަން ހުޅުމާލޭން ތަނެއް ދީފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަން ކުރިން ހިންގި އިމާރާތުގައި ކްރިމިނަލް ކޯޓުގެ ހެ ސެކްޝަނެއްގެ މަސައްކަތް ކުރުމަށް ދީފި އެވެ.

Ads by MWSC

ކްރިމިނަލް ކޯޓު ހިނގަމުން ދިޔަ ހަތަރު ބުރީގެ އިމާރާތް ދުވަސްވެ ބާވުމުން ބަންދުކުރީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ދެން މި އަހަރު ކުރީކޮޅު ކުރި ވިއްސާރާގައި އެ ތަނަށް ކުރި އަސަރުން، އެ ތަނުގައި ހުރި ތަކެތި ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތުގެ ކޮޓަރިތަކަށް ލި އެވެ.

އެހެންވެ މިދިޔަ ފަސް މަހެއްހާ ދުވަހު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ބޭއްވީ ދެ ކޮޓަރިއަކު އެވެ. ކޮންމެ ދުވަހަކު އެއިން އެއް ކޮޓަރި އެއް ސެކްޝަނަކަށް ދިނުމަށް ފަހު އަނެއް ކޮޓަރީގައި ބަންދު ކުރަން އަންނަ ހުށަހެޅުންތަކުގެ އަޑުއެހުން ބާއްވަމުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ހުޅުމާލޭން ދިން އިމާރާތުގައި ހިންގާނީ އެ ކޯޓުގެ ބީ2، ބީ3، ބީ10، ބީ8، ބީ5، އަދި ބީ11 ސެކްޝަނުގެ މަސައްކަތާއި އެ ސެކްޝަންތަކުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް ކަމަށެވެ.

މި ލިބުނު ތަނާއެކު ޝަރީއަތް ކުރަން ކޯޓަށް ޖުމުލަ ހަ ކޮޓަރި މިހާރު ލިބިފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި 11 ގާޒީންނަށް އެކި ދުވަސްތަކަށް ބާހައިގެން ޝަރީއަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިންމަން އިސްކަން ދީގެން ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!