ޚަބަރު

ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުން އެ ގައުމަށް ފޮނުވޭ ފައިސާގެ ލިމިޓު މުރާޖާކުރަން އެދިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސްރީލަންކާގެ ފޮރިން މިނިސްޓަރު އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: އެލްކޭ ވަޔާ

ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުން އެ މީހުންގެ ގައުމަށް ފޮނުވޭ ފައިސާގެ ލިމިޓު ނުވަތަ ރެމިޓެންސް މުރާޖައާ ކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އަލް ސަބްރީ، ދިވެހި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

Ads by MWSC

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލަންކާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލް ސަބްރީ ވިދާޅުވީ ލަންކާގެ މަސައްކަތްތެރިން ފޮނުވާ ފައިސާގެ ރެމިޓެންސްއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

"ރާއްޖޭގައި ތިބި ސްރީލަންކާގެ ބިދޭސީ މަސައްކަތްތެރިންގެ ލާބައާއި މަންފާއަށް ޓަކައި ބޭރު ފައިސާ ފޮނުވުމުގައި މިހާރު ކަނޑައަޅާފައިވާ ލިމިޓް އަލުން މުރާޖައާ ކުރުމަށް ވިސްނުމަށް އެދިފައިވާނެ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ފެހި ސިގުނަލެއް ދެއްވާފައި އެ ކަމަށް،" އަލް ސަބްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭން ލަންކާގެ މީހުނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް އޮންނާތީ އެ ކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ މީހުނަށް ދެ ގައުމުން ވެސް ފުރުސަތުތައް ފަހިކޮށް އޮތުމަށް ދެ ގައުމުގެ ސަރުކާރު ދެމިއޮތުމަށް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ޒަމީރު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް، ތިން ދުވަހަށެވެ.

މިނިސްޓަރު ޒަމީރު ސްރީލަންކާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ، އެ މަނިކުފާނު މިނިސްޓަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

އަދި ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް ޒަމީރު ވަނީ ދައުވަތު ދެއްވައިފަ އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!