ޚަބަރު

މާލިއްޔަތަށް ހިތި ބޭސް ސިޓީއެއް އޮތިއްޔާ ސަރުކާރުން ބުނެދޭން ޖެހޭ: ނާޒިމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ދިވެހި އިގުތިސޯދުގެ މާލިއްޔަތަށް "ހިތި ބޭސް ސިޓީއެއް" އޮތިއްޔާ ސަރުކާރުން އެ ކަމަށް ފޮރުވުމުގެ ބަދަލުގައި ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާލިއްޔަތު ކޮމިޓީއަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ހުށަހެޅުއްވީ ވެސް ނާޒިމެވެ. ނާޒިމްގެ ހުށަހެޅުއްވުމަށް ކޮމިޓީގެ މެންބަރުން އިއްތިފާގުން ފާސްކުރި އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ފަސް ދުވަހުގެ ނޯޓިސްއެއް ވަޒީރަށް ފޮނުވާނެ އެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ބަހައްޓަންވީ މިންވަރާއި މަޖިލީހުގެ މެންބަރުން ވެސް ދާއިރާގެ ރައްޔިތުންނަށް އުންމީދުތައް ތަސައްވުރު ކޮށްދެވޭނެ ވަރު ސާފުކޮށްދެވޭނީ މާލީ ހާލަތު އޮތް ގޮތް ސާފުކޮށް ބުނެދިނުމުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ތެދު ބަހުން، ވަރަށް ތިލަކޮށް މި ވާހަކަ ދެކެވެން އެބަ ޖެހޭ، ރައްޔިތުންގެ އެކްސްޕެކްޓޭޝަން ބަހައްޓަން އެނގޭނީ އެ ބޭފުޅުން ދައްކަވާ ވާހަކައެއްގެ މައްޗަށް، ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެން ޖެހޭ، ޕްރޮޖެކްޓްތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް،" ނާޒިމް ވިދާޅުވި އެވެ.

ސަތާރަވަނަ އަދި އަށާރަވަނަ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލްކުރެއްވި ނާޒިމް ވިދާޅުވީ އިންތިހާބުތަކުގެ މޫސުން މިހާރު ނިމިފައިވާ ކަމަށާއި ޕާޓީގެ މަސްލަހަތު އެއް ފަރާތުގައި ބޭއްވުމަށް ފަހު ގައުމުގެ މާލިއްޔަތުގެ މަސްލަހަތުގައި ކޮމިޓީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އިންތިހާބުގެ މޫސުން މިހާރު މި އޮތީ ނިމިފައި. އަޅުގަނޑުމެން ހިނގާށޭ ރައްޔިތުން ކައިރީ ބުނަން، ހަގީގަތާ ކުރިމަތިލާށޭ، ރިއާލިޓީއާ ކޮންފްޓްރޮންޓް ކުރަން ދަސް ކުރަން ޖެހެއޭ އެބަ މިހާރު،" ނާޒިމް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އަދި އިންޑިއާއިން ލޯނު ނަގާފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ބަޖެޓު ސަޕޯޓަށް ވެސް އިންޑިއާއިން ލޯނު ދީފައިވެ އެވެ. މި ލޯނުތައް ވެސް ހިމެނޭހެން، އެތެރެއާއި ބޭރުގެ ދަރަނި ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ދަރަނި ގާތްގަނޑަކަށް 118 ބިލިއަން ރ. އަށް މިހާރު އަރަ އެވެ.

"އެއީ އިގުތިސޯދެއްގެ އަސާސީ ކަންތައްތައް ރަނގަޅު ނުވަންޏާ އެ މީހުން ވެސް އެ ބުނަނީ އެއީ ރާ ބޯ މީހަށް ލާރި ދިނުން ކަހަލަ ކަމެކޭ، ލާރިކޮޅު ދިނީމަ ބޮއިފަ ދެން އަނެއް ދުވަހު އައިސް އެދޭނެއޭ ލާރިކޮޅަށް،" އިގުތިސޯދީ ހާލަތު ގޯސްވިއްޔާ އެހީ އަދި ލޯނު ވެސް ދެން ނުލިބޭނެ ކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

އަވައްޓެރި ލަންކާގެ ހާލަތު ގޯސްވެގެން ދިޔައިރު ޗައިނާ އަދި އިންޑިއާއިން ވެސް އެހީ ނުވި ކަން ފާހަގަ ކުރެއްވި އެވެ. އަދި ޕާކިސްތާނަށް ސައުދީން އެހީނުވެ ތިބުމަށް ފަހު ފައިސާ ދޫކުރީ ދުނިޔޭގެ މާލީ އިދާރާތަކުން ދިން ލަފައާ އެއް ގޮތަށް ޕާކިސްތާނުން އަމަލު ކުރުމުން ކަން ވެސް ފާހަގަ ކުރެއްވި އެވެ.

ނާޒިމް އެ ލަފާތައް ސިފަކުރެއްވީ "ބައްޔަކުން ޝިފާއެއް ހޯދަން ކޮންމެހެން ބޯން ޖެހޭ ހިތި ބޭހެއް" ގޮތަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ވެސް ހިތިބޭސް، ބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެންވިއްޔޭ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކޮށްދޭންވީ ކޮންކަމެއްތޯ، އޭގެ ބަދަލުގައި މިހެން ދަމުންދަމުން ގޮސް ބަނގުރޫޓު ވީމަކާ ކަމަކު ނުދާނެޔޭ،" އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!