ޚަބަރު

މާލީ ހާލަތު ސާފުކޮށްދޭން ނާޒިމްގެ ގޮވާލުން، ޓްރޭޑް އެސޯސިއޭޝަނުން ވެސް ތަކުރާރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަޖިލީހުގެ ނައިބު ރައީސް ނާޒިމް، އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕީއެންސީގެ އެހެން މެންބަރުންނާއެކު - ފޮޓޯ: ދެން

މާލީ ހާލަތު ތިލަކޮށް ތެދު ބަހުން ސަރުކާރުން ސާފުކޮށްދޭން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން ވެސް އެ ގޮވާލުން ތަކުރާރުކޮށްފި އެވެ.

Ads by Sosun Fihaara

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ފާޅުކުރެއްވީ ވަރަށް ވެސް ޖާއިޒު ކަންބޮޑުވުންތަކެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

"ރާއްޖޭގެ ވިޔަފާރިވެރިންނަށާއި, އަދި އެންމެހާ ދިވެހި ރައްޔިތުންނަށް ވެސް "ތެދުބަހުން ވަރަށް ތިލަކޮށް" ރާއްޖޭގެ އިގްތިސާދީ ހާލަތުގެ އަސްލު މަންޒަރު ފިނޭންސް މިނިސްޓަރު [ޑރ. މުހައްމަދު ޝަފީގު] ސާފުކޮށްދެއްވުމަށް މި ޖަމިއްޔާއިން ގޮވާލަން،" ޕޯސްޓުގައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އަދި އިންޑިއާއިން ލޯނު ނަގާފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ބަޖެޓު ސަޕޯޓަށް ވެސް އިންޑިއާއިން ލޯނު ދީފައިވެ އެވެ. މި ލޯނުތައް ވެސް ހިމެނޭހެން، އެތެރެއާއި ބޭރުގެ ދަރަނި ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ދަރަނި ގާތްގަނޑަކަށް 118 ބިލިއަން ރ. އަށް މިހާރު އަރަ އެވެ.

ދަރަނި އަދި އިގުތިސޯދީ ހާލަތު ސާފުކުރަން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރުމަށް، ނާޒިމް ހުށަހަޅުއްވައި ކޮމިޓީގެ މެންބަރުން ތާއީދުކޮށްގެން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ވަޒީރަށް ފަސް ދުވަހުގެ ނޯޓިސްއެއް ދޭނެ އެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!