ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާއާ ބައްދަލު ކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ ރާއްޖެއާއި ލަންކާއާއި ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ދެގައުމަކީ މިހާތަނަށްވެސް ގާތް ގުޅުމެއް ބާއްވަމުން އައިސްފައިވާ ދެ ގައުމުކަމުން ކުރިއަށް އޮތްތަނުގައިވެސް އެ ގުޅުން ކުރިއަށް ގެންދަން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ޒަމީރު ވިދާޅުވި އެވެ.
ސްރީލަންކާއިން ރާއްޖެއަށް ފޯރުކޮށްދޭ އިޖްތިމާއީ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި އޭނާގެ އަރިހުގައި ސްޓޭޓް މިނސިްޓަރު ޝެރީނާ އަބްދުއް ސަމަދާއި، އެޑިޝަނަލް ސެކްރެޓެރީ ޝިރުޒިމަތު ސަމީރުގެ އިތުރުން މިނިސްޓްރީގެ ޑީޖޭ އައިޝަތު ފަރީނާވެސް ވަޑައިގެންނެވި އެވެ.