ތިން ދުވަހުގެ ލަންކާ ދަތުރު ޒަމީރު ނިންމަވާލައްވައިފި

ހާރިޖީ ވަޒީރު މޫސާ ޒަމީރު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ޒަމީރު ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ ލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކްގެ ހާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ހާރިޖީ ވުޒާރާއިން ވިދާޅުވީ އެ ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ އިހްތިރާމްގެ ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ދެގައުމުގައި ހުރި ގޮންޖެހުންތަކާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ލަންކާގެ ޚާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީއާ އެކު މަޝްވަރާކުރެއްވި އެވެ.
އެ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދިވެހީންނަށް ފަސޭހައިން ވަސީލަތްތައް ފޯރުކޮށްދިނުމަށް އަލިއަޅުވައިލި އެވެ. މީގެ އިތުރުން ލަންކާގައި ވަޒަންވެރިވާން ބޭނުންވާ ރާއްޖޭގެ އިސްރަށްވެހިންނަށް އެމަގު ތަނަވަސްކޮށްދިނުމަށްވެސް މަޝްވަރާ ކުރެވުނެވެ.
ވަޒީރު ޒަމީރު ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ. އަދި އެތާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކުރެއްވެވި އެވެ.
ވަޒީރު ޒަމީރުގެ އަރިހުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލް ސަމަދާއި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރުގެ އިތުރުން އެ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު ފަރީނާ ވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ މަގާމާއި ހަވާލުވުމަށްފަހު ރަސްމީ ހައިސިއްޔަތުން ޒަމީރު ލަންކާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.