ރާއްޖެއަށް ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުން ލަންކާއިން ހޯދަން އެދިއްޖެ

ރާއްޖެއަށް ބޭނުންވާ އިތުރު ޓީޗަރުންނާއި ޑޮކްޓަރުން އަވައްޓެރި ސްރީލަންކާއިން ހޯދަން ދިވެހި ސަރުކާރުން އެ ގައުމުގެ ސަރުކާރުގައި އެދިއްޖެ އެވެ.
މި ގޮތަށް ދިވެހި ސަރުކާރުން އެދުނީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރުދަނާއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ލަންކާގެ ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކާ ހަވާލާދީ، ސްރީލަންކާގެ "އިކޮނޮމިކް ނެކްސްޓް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މޫސާ ޒަމީރު އެދިވަޑައިގަތީ އެ ކަމަށް ޓަކައި ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުމެއް ވެސް ތައްޔާރު ކުރުމަށެވެ.
އެކަމަކު އެ ނޫހުގެ ލިޔުމުގައި ވެސް ފާހަގަކޮށްފައިވާ ކަމަކީ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ތަދުމަޑުކަމަށް ފަހު އެ ގައުމުގެ ވަރަށް ގިނަ އެފަދަ ފަންނީ މީހުން މިހާރު ބޭރަށް ގޮސް އެ ގައުމަށް ވެސް ބޭނުންވާ ވަރަށް މީހުން ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށެވެ.
ނިމިދިޔަ އަހަރު ރާއްޖޭގައި 1،800 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތް ކުރި އެވެ. އެ މީހުންނަށް މުސާރަ ދިނުމަށް ދައުލަތުން 350 މިލިއަނެއްހާ ރުފިޔާ އަހަރަކު ހަރަދު ކުރެ އެވެ. އެހެންކަމުން ސަރުކާރުން ވަނީ ދިވެހި ޓީޗަރުން ގިނަކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
ނަމަވެސް މި އަހަރުގެ އާ ދިރާސީ އަހަރު ފެށުނު އިރު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންގެ އަދަދަށް ދިވެހި ޓީޗަރުން ހަމަނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މަދުވާ ޓީޗަރުން ހަމަކުރަން ބޭރުގެ ރެކްރޫޓްމަންޓް ޕްރޮސެސްއެއް ފެށި ކަމަށް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.