އިންޑިއާއަށް ރައީސް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އަވައްޓެރި އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންފި އެވެ.
އެމިރޭޓްސްގެ ފްލައިޓެއްގައި ރައީސް މުއިއްޒު ދާދި ދެންމެއަކު ފުރާވަޑައިގަތްކަން ހާމަކޮށް، ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ޕޯސްޓުކޮށްފަ އެވެ.
ރައީސް ވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރަ މޯދީ ތިންވަނަ ދައުރެއް ކަށަވަރު ކުރައްވައި، ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން، މީގެ ކުރީގެ ރައީސުންގެ ފުރަތަމަ ރަސްމީ ފުރަމާނަ ދަތުރުފުޅަކަށް ވަޑައިގެންފައިވަނީ އިންޑިއާއަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތީ ޗައިނާއަށެވެ. އޭގެ ކުރިން ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
ޒަމާންވީ އާދަކާދައާ އެއް ގޮތަށް އިންޑިއާއަށް ވަޑައިނުގަތް އިރު އިންޑިއާގެ ސިފައިން ރާއްޖޭން ފޮނުވާލުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. ސިފައިން ބޭލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އިންޑިއާއާއެކު ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން މަޝްވަރާ ކުރައްވައި ސިފައިން މިހާރު ވަނީ ފޮނުވާލާފަ އެވެ.