ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާން ޖެހޭ ގޮތަށް ނިންމައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ގައުން ލާން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން އުސޫލެއް އެކުލަވާލައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އުސޫލުގައި ބުނާ ގޮތުން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ހުރިހާ ފަނޑިޔާރަކަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގައުން ތައްޔާރުކޮށް ފޯރުކޮށްދޭން ޖެހޭނެ އެވެ.
އޭގެ ފަހުގައި ވެސް ކޮންމެ ދެ އަހަރަކުން އެއް އަހަރު ޑީޖޭއޭން ފަނޑިޔާރުންނަށް ގައުން ފޯރުކޮށްދޭން ވާނެ ކަމަށް އުސޫލުގައިވެ އެވެ. އަހަރު ގުނާނީ އެ ފަނޑިޔާރަކު އައްޔަން ކުރެވުނު ދުވަހަކުން ފެށިގެން ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލަނީ ހައި ކޯޓު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުން މިހާރު ލާން ޖެހެނީ ކަޅު ނުވަތަ ނޫ ކުލައިގެ ކޯޓު ފަޓުލޫނެވެ.