އެމްޑީޕީގެ ލީޑާޝިޕާއި އަންހެނުން ރޫހުގެ ގޮފީގެ މެންބަރުންނާ ބައްދަލުކޮށްފި

އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕާއި، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ގޮފީގެ މެންބަރުންނާ ބައްދަލުކޮށްފި އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން ޕާޓީގެ އެޑްވައިޒަރަކަށް ހަމަޖައްސަވާފައިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަންހެނުންގެ ރޫހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި އެ ގޮފީގެ އިތުރު މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ.
އެމްޑީޕީގެ ލީޑާޝިޕާއި އަންހެނުންގެ ރޫހުގެ ގޮފީގެ މެންބަރުންނާ މި ބައްދަލު ކުރީ، އެންމެ ފަހުން ބޭއްވި އިންތިހާބުތަކުގައި އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައި ވަނިކޮށެވެ. އަދި ނާކާމިޔާބީގެ ސަބަބުތައް ދެނެގަތުމަށް އެ ޕާޓީން ކޮމިޓީއެއް ނަގައިގެން ދިރާސާއެއް ފަށާފައި ވަނިކޮށެވެ.