ޚަބަރު

241 އިން އެއްބަސްވުންތައް ބެލުން: ޖައިޝަންކަރު ވިދާޅުވީ ކުރިއަށްދާނީ މަޝްވަރާކޮށްގެން ކަމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައީސް މުއިއްޒުއާއި ޖައިޝަންކަރުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާ އާއިއެކު ހެދި އެއްބަސްވުންތަކުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމުމުން، އެ މައްސަލައިގައި ކުރިއަށްދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ މަޝްވަރާކުރައްވައިގެން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެ މައްސަލައިގައި ރައީސާއެކު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި، އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަަކުގެ މައްސަލަ މަޖިލީހުން ބަލަން ނިންމުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. އެ މައްސަލައާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްްވި ނަމަވެސް އޭނާ ވަނީ އެ ގައުމުގެ ސަރުކާރުން ރައީސާއެކު މުހިއްމު އަދި ރަނގަޅު ބައްދަލުވުންތަކެއް ބޭއްވުނުކަން ފާހަގަކުރައްވާފަ އެވެ.

"ވަރަށް ރަނގަޅު ބައްދަލުވުންތަކެއް ކުރިއަށްދިޔައީ. އެގޮތުން ރައީސް މުއިއްޒު ވަނީ ބޮޑު ވަޒީރާއި ވެސް ބައްދަލުކުރައްވާފަ، އަޅުގަނޑަށް ވެސް އެ ޝަރަފު ލިބުނު. އެހެންކަމުން އަޅުގަނޑު ކުރިއަށްދާނީ ރައީސާ މަޝްވަރާކޮށްގެން" ޖައިޝަންކަރު ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންގެ ހުށަހެޅުއްވުމުގެ މަތިން 241 ކޮމިޓީން ބަލަމުންދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަން އަންނަ ގޮތަށް 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ހިނގާފައިވާ ކަންކަން ބެލުމަށް ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށެވެ. މި މައްސަލައިގެ ދަށުން ބަލާނީ:

  • ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ހޯދުމަށް
  • އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ ބެލުމަށް
  • ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް ހޯދުމަށް

މި މައްސަލަތައް ބެލުމަށް އަޒާން ހިމެނޭ ގޮތަށް ހަތަރު މެމްބަރުންގެ ސަބް ކޮމިޓީއެއް އެލުލަވައިލިއިރު އެ ކޮމިޓީގައި ދެން ތިއްބަވާނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!