ޚަބަރު

ހުއްދަ ނުނަގާ އިންވެސްޓްމެންޓު ވިޔަފާރި ނުކުރަން އަންގައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ސީއެމްޑީއޭ އާއި ސްޓޮކް އެކްސްޗޭންޖް ގުޅިގެން މީގެ ކުރިން ބޭއްވި ޕްރެސްއެއްގެ ތެރެއިން/ ފޮޓޯ: ސަން

ހުއްދަ ނުނަގާ އިންވެސްޓްމެންޓު ވިޔަފާރި ކުރާތީ ސަމާލުވާން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިލްތިމާސްކޮށްފި އެވެ.

Ads by STELCO

ސީއެމްޑީއޭ އިން މިއަދު ސަރުކާރު ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ، އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ވިޔަފާރިކޮށް، އެ ވިޔަފާރިން މާލީ މަންފާއެއް ހޯދައިދިނުމުގެ ހިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކެއް ހަރަކާތްތެރިވަމުން އަންނަކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ހިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ހިދުމަތް ދިނުމަކީ ސީއެމްޑީއޭއިން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަމެކެވެ.

އެހެންކަމުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި، އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖްކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކުރާ ފަރާތަކީ އެ އޮތޯރިޓީ ކަމަށްވީ ހިނދު، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށްވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން  ލައިސަންސް ނުނަގާ ހިދުމަތް ދިނުމަކީ، ގާނޫނުގެ ދަށުން މަނާ ކަމެއް ކަން އަންގާ އިއުލާންކުރަން

ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންޓު ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދައޮތް ފަރާތެއްތޯއާއި ނުވަތަ އެފަދަ އިންވެސްޓްމަންޓު ފަންޑުތަކަކީ މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރަން އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތާއި، އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓު https://cmda.gov.mv/en/registries ގައި ވަނީ ލިސްޓުކޮށްފަ އެވެ.

އޮތޯރިޓީގެ ލައިސަންސް ނުނަގައި އެފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާވެސް އަވަހަކަށް  އީމެއިލް ([email protected]) މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންްޓް އޮތޯރިޓީން ވަނީ އެދިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!