އީދު ދުވަހު ގުރައިދޫގައި މަސް ރޭހަކާއި ބާބަކިއު މުބާރާތެއް ބާއްވަނީ

އަޟްހާ އީދު ދުވަހު ކ. ގުރައިދޫގައި މަސް ރޭހަކާއި ބާބަކިއު މުބާރާތެއް ބޭއްވުމަށް ނިންމައި ބައިވެރިވާން ހުޅުވާލައިިފި އެވެ.
ގުރައިދޫ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މަސް ރޭހާއި ބާބަކިއު މުބާރަތަކީ ރަށު މީހުންގެ އިތުރުން އީދު ދުވަހާ ދިމާކޮށް ރަށަށް ޒިޔާރަތްކުރާ މީހުން ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ.
މަސް ރޭހާއި ބާބަކިއު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނަމަ ޓީމު ލިސްޓު އަންނަ ހޮނިހިރު ދުވަހުގެ ކުރިން ފޮނުވަން ކައުންސިލުން އެދެ އެވެ. އެއީ މި އަހަރުގެ ހައްޖު ދުވަހެވެ.
ޓީމު ލިސްޓު ފޮނުވަން ޖެހެނީ "ވައިބާ" މެދުވެރިކޮށް 7640072 މި ނަންބަރަށެވެ.
ކޮންމެ ޓީމެއްގައި މަދުވެގެން 12 މީހުން ހިމެނެން ޖެހެ އެވެ. ގިނަވެގެން ހިމެނޭނީ 20 މީހުން ކަމަށް ކައުންސިލް އިއުލާނުގައި ބުނެފައިވެ އެވެ.
އަށާރަ އަހަރު ނުފުރޭ ކުދިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. އެކަމަކު އެއް ޓީމެއްގައި ހުސް 18 އަހަރު ނުފުރޭ ކުދިން ބައިވެރިނުވެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އެއްވަނައަށްދާ ޓީމަށް ލިބޭ އިނާމަކަށް 5،000 ރ. ކަނޑައަޅައިފަ އެވެ. ދެވަނައަށްދާ ޓީމުގެ އިނާމަކީ 4،000 ރ. އެވެ. ތިންވަނައަށްދާ ޓީމަށް 3،000 ރ. އެވެ.
ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް 1،500 ރ. ދިނުމަށް ކައުންސިލުން ނިންމާފައިވެ އެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަށް 500 ރ. ވަނީ ހަމަޖައްސައިފަ އެވެ.